ޚަބަރު

މޯލްޑިވިއަނުން ށ.ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި


  • ހަފްތާއަކު 4 ދުވަހު ދަތުރުކުރުމަށް ހަމަޖެހިފައިވޭ

  • ދަތުރުތައް ކުރާނީ، އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ށ. ފުނަދޫ އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

ޕީއެސްއެމްއާ ވާހަކަަ ދައްކަވަމުން މޯލްޑިވިއަން އިން ބުނީ، މިއަދުން ފެށިގެން ފުނަދޫ އެއަރޕޯޓަށް ހަފްތާއަކު 4 ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ ހަފްތާއެއްގެވެސް، އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މޯލްޑިވިއަނުން މިހާރު ފުނަދޫ އެއަރޕޯޓަށް ކުރަނީ، ހަފްތާއަކު 3 ދަތުރެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ފުނަދޫ އެއަރޕޯޓުގެ ޚިދުމަތް ފެށީ، 2020 ވަނަ އަހަރުގެ ފެބްރުއަރީގައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ތަރައްޤީކޮށްފައިވާ ފުނަދޫ އެއަރޕޯޓަކީ، މޫދުން 40 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރި އެއަރޕޯޓެކެވެ.

މި އެއަރޕޯޓުގައި ހަދާފައިވަނީ، ދިގުމިނުގައި 1200 މީޓަރު ހުންނަ އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ ރަންވޭއެކެވެ. އަދި 90 މީޓަރުގެ ޓެކްސީ ވޭއަކާއި، 50 މީޓަރުގެ އޭޕްރަން އެއްވެސް މި އެއަރޕޯޓުގައި ހަދާފައިވެއެވެ.