ޚަބަރު

ޕާޓީން ވަކިކުރާ މެންބަރުންގެ ގޮނޑިއާ މެދު ގޮތެއްގެ ނިންމުގެ ބާރު ދާއިރާގެ ރައްޔިތުންނަށް


  • މިހާރު ޤާނޫނުއަސާސީ އޮތްގޮތުން ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ

  • އިސްލާހުގައިވާގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ ދާއިރާގެ ރައްޔިތުންގެ އަޣުލަބިއްޔަތުން

ސިޔާސީ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭގޮތަށް ޤާނޫނުއަސާސީގައި އޮތް މާއްދާ އިސްލާހުކުރުމަށް ހުށަހަޅުއްވައިފިއެވެ. މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢެވެ.

ޤާނޫނުއަސާސީއަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގައި މަޖިލީހަށް އިންތިޚާބުވާ މެންބަރަކު އެހެން ޕާޓީއަކަށް ސޮއިކޮށްފިނަމަ ނުވަތަ ސިޔާސީ ޕާޓީން އެ މެންބަރަކު ވަކިކޮށްފިނަމަ މެންބަރުގެ ގޮނޑި ގެއްލޭނެއެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މާއްދާއަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާފައެވެ.

ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ދަށަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ދެ އަކުރުގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީއަކުން ވަކިކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެފަދަ ހާލަތެއްގައި ގޮނޑި ގެއްލޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުއެވެ. މި ވޯޓު ނަގާނީ އެ މެންބަރަކު އިންތިޚާބުވި ދާއިރާއެއްގެ ރައްޔިތުންގެ މެދުގައެވެ.

އެ ހާލަތުގައި މެންބަރުންގެ ގޮނޑި ގެއްލޭނީ ވޯޓު ދޭ ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެންކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އަޣުލަބިއްޔަތު ނުލިބޭނަމަ އެ މެންބަރަކު މިނިވަން މެންބަރެއްގެ ގޮތުގައި ދައުރު ނިމެންދެން ދެމި ހުންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް ދެވަނަ ފަހަރަށް އެ މެންބަރަކަށް ސިޔާސީ ޕާޓީއަކާ ނުގުޅެވޭނެ ކަމަށްވެސް ޤާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖަނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.