އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަކީ ފުރިހަމަ ގައުމެއް ބިނާކުރެވޭނެ ގޮތަށް ބައްޓަންކޮށްފައިވާ ބަޖެޓެއްކަމަށް ޕީއެންސީ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި 'ދިވެހީންގެ ރާއްޖެ' ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވަނީ މި ސަރުކާރުން ހުށަހަޅާ ބަޖެޓްތަކާއި މީގެކުރިން ހުށަހެޅި ބަޖެޓުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ވެރިއަކަށް ނުކުރެވުނު ކަމެއް މިދިޔަ 1 އަހަރާއި 1 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވާފައިވާކަމަށާއި އެއީ ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށަށް ޒިޔާރަތްކުރެއްވުންކަމަށެވެ.
ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބައްލަވައި، ކައުންސިލްތަކާއި ސްކޫލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެމަނިކުފާނު ބައްދަލުކުރެއްވިކަމަށާއި، އަދި ބަޖެޓް ސަރުކާރުން ތައްޔާރުކުރެއްވީ ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ ބެއްލެވުމަށްފަހުކަން ފަލާހު ވިދާޅުވިއެވެ.
"އެ ބަޖެޓްގައި އޮތީ ވަރަށް ފުރިހަމަ ގައުމެއް ބިނާކުރެވޭނެ ގޮތައް ދައުލަތުގެ ބަޖެޓް ބައްޓަންކޮށްފައި. އެމަނިކުފާނުގެ ސަރުކާރުގައި ދައުލަތުގެ ބަޖެޓް މި ފާސްކުރަނީ ޕްރޮގްރާމް ބަޖެޓެއް. ޕްރޮގްރާމް ބަޖެޓެއް ކުރިއަށްއޮތް ތާންގައި ދުވަހެއްގެ ކޮޅުން އެހެން ވެރިއަކަށް ދެން ވެރިކަން ލިބުނަސް ފާސްކުރައްވަން ފައްޓަވާނެ. އެއީ މިގޮތައް ބަޖެޓް ހެދުމުގައި ރައްޔިތުންނަށް ވަރަށް މުހިންމު ކަންތައްތަކެއް ވަރަށް މުހިންމު ފިޔަވަޅުތަކެއް ވަރަށް މުހިންމު ގޮތްތަކަކަށް ކުރެވެން ފުރުސަތު ލިބިގެންދާތީ." ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ބަޖެޓްގައި ކަންކަން ލިޔެވިފައި އޮތްނަމަވެސް އަހަރު ނިމޭއިރުވެސް ގިނަ ކަންކަން ހުންނަނީ ނުފަށާކަމަށެވެ. ނަމަވެސް މި ސަރުކާރުން ފާސްކުރާ ބަޖެޓަކީ ޕްރޮގްރާމް ކުރެވި އެކަންކަން ކޮށްދޭނެ ބަޖެޓެއްކަމަށް ފަލާހު ވިދާޅުވިއެވެ.