ޚަބަރު

ސްވެނިއަރ ޓިކެޓް ގަނެގެން ފަލަސްޠީނަށް އެހީވުމުގެ ފުރުސަތު އަދިވެސް!


  • ސްވެނިއަރ ޓިކެޓް ގަތުމަށް ވައިބާ ނުވަތަ ވަޓްއެޕުން މެސެޖުކުރާނީ އެފްއޭއެމްގެ މޯބައިލް ނަމްބަރު 7507006 އަށް

  • ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ނިންމާފައިވަނީ ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނަށް

ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގެ ސްވެނިއަރ ޓިކެޓް ގަނެގެން ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ.

ފަލަސްޠީނާއި ރާއްޖެ ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗަށް ސްވެނިއަރ ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މޯބައިލް ނަމްބަރު 7507006 އަށް ވައިބަރ ނުވަތަ ވަޓްސްއެޕްއިން މެސެޖުކޮށްގެންވެސް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. އަދި ދަނޑުގެ ޓިކެޓް ކައުންޓަރުންވެސް ޓިކެޓް ގަނެވޭނެއެވެ.

ސްވެނިއަރ ޓިކެޓް ގަނެގެން ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމަށް އެހީތެރިވުމުގައި ކޮންމެ މީހަކަށްވެސް ބައިވެރިވުމަށް ލިބޭ މި ފުރުސަތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެވެސް ވަރަށް ބޮޑު އެދުމެކެވެ.

އެފްއޭއެމްއިން ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ނިންމާފައިވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނަށެވެ. އެފްއޭއެމްއިން އެދެނީ ވީހާވެސް ގިނަ ބަޔަކު ސްވެނިއާ ޓިކެޓް ގަނެ ފަލަސްޠީނު ޓީމަށް ފައިސާ ހަދިޔާކުރުމަށް އެ އިދާރާއިން އިސްނަގައިގެން ކުރާ މަސައްކަތްތަށް ތަރުހީބު ދިނުމަށެވެ.

ޓިކެޓް ވިއްކާ އަގަކީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާއަށް، އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ދެވަނަ މެޗަށްވެސް ޖުމްލަ 50 ސްވެނިއަރ ޕްލެޓިނަމް ޓިކެޓާއި 200 ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކާނެއެވެ. ސްވެނިއަރ ޕްލެޓިނަމް ޓިކެޓަކީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެކެވެ. ސްވެނިއަރ ގޯލްޑް ޓިކެޓަކީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.

މި ކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ވަނީ ސްވެނިއަރ ޓިކެޓް ބައްލަވައިގެންފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުންވެސް މިކަމަށް ބޮޑު ތަރުހީބެއް ދެއްވާފައިވެއެވެ.

ރާއްޖެ އާއި ފަލަސްޠީނުގެ އެކުވެރިކަމުގެ ދެވަނަ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗު ފަލަސްޠީނުން ވަނީ 6-0 ން ކާމިޔާބުކޮށްފައެވެ.

ފަލަސްތީނުގެ ގައުމީ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދީފައިވަނީ ދިވެހި ސަރުކާރާއި އެފްއޭއެމުންނެވެ.