ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްސަދުގައި، ލިޔެކިޔުން ނެތް ބިދޭސީން ދެނެގަތުމަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް މޯލްޑިްވްސް އިމިގްރޭޝަނުން ވަނީ ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ތަޢާރަފްކޮށްފައެވެ. މި އެޕްލިކޭޝަނަކީ ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭނެ ފުރިހަމަ އެޕްލިކޭޝަނެކެވެ.
ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ކަމުގައިވާ 'އެމް.އައި އައި.ޑީ ޗެކަރ' ތައާރަފްކޮށްފައިވަނީ މި ނިމުނު ހަފްތާގައި މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަޤްސަދު ޚާޞިލްކުރުމަށްޓަކައި، ދާހިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިސްނެންގެވުމުގެ ދަށުން، "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް' އެކުލަވާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ގިނަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން، މިހާތަނށް މި ސަރުކާރުގެ މަސައްކަތުން 90،000އަށްވުރެ ގިނަ ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ ބިދޭސީން އަތުގައި އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބަން އެފަދަ ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ކަމުގައިވާ 'އެމް.އައި އައި.ޑީ ޗެކަރ' ވަނީ ފަރުމާކޮށްފައެވެ. މި އެޕްލިކޭޝަނަކީ ބިދޭސީންނާ ގުޅުންހުރި ސިސްޓަމްތަކާ ގުޅިފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ މިސާލެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މި އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، ބިދޭސީއެއްގެ ފޮޓޯ ބޭނުންކޮށްގެން، ވަގުތުން ބިދޭސީއެއްގެ ޝަހްސު ދެނެގަނެ، ކަށަވަރުކޮށް، ބިދޭސީ ފަރާތާ ގުޅޭ އެންމެހާ މަޢުލޫމާތު ލިބިގަތުމުގެ ޤާބިލުކަން ލިބިފައިވުމެވެ. މީގެތެރޭގައި ޕާސްޕޯޓު ނަންބަރު ބޭނުންކޮށްގެން ނުވަތަ ޕާސްޕޯޓް ނަންބަރާއި ވޯކްޕަރމިޓް ނަންބަރު ބޭނުންކޮށްގެން ނުވަތަ ވޯކްޕާމިޓް ފަހަތުގައި ހިމެނޭ ކިއު.އާރު ކޯޑު ސްކޭންކޮށްލައިގެން ވެސް މި އެޕްލިކޭޝަނުން މީހުން ދެނެގަނެވޭނެއެވެ.
ޤަނޫނު ތަންފީޒުކުރާ ހުރިހާ އިދާރާއަކުން މި އެޕްލިކޭޝަންގެ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި މުސްތަޤްބަލުގައި ކައުންސިލްތަކުން ވެސް މި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު ހަމަޖެހިގެންދާނެއެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކޮށް، ބިދޭސީންނާ ގުޅުންހުރި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިމިގްރޭޝަނުން ދެކެއެވެ.