ޚަބަރު

އީވޯޓިން ނިޒާމަކަށް ދާން ބޭނުންވާ މާހައުލެއް ރާއްޖޭގައި ނެތް: އިލެކްޝަންސް


  • މިހާރު ކަނޑައަޅާފައިވާ ބަޖެޓަކީ އެކަށީގެންވާ ބަޖެޓެއް ނޫން ކަމަށް

  • އިންތިޚާބަށް ކަނޑައަޅުއްވާފައިވާ ބަޖެޓާ މެދު ހިތްހަމަޖެހޭ

އީވޯޓިން ނިޒާމަކަށް ދާން ބޭނުންވާ މާހައުލެއް ރާއްޖޭގައި ނެތް ކަމަށާއި އެ ނިޒާމަށް ދިއުމުގެ ވިސްނުމެއްވެސް ނުގެންގުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ހިންގުމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ އެ ކޮމިޝަންގެ ޤާނުނީ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ ބަޖެޓެއް ނޫން ކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ ރަނގަޅު ބަޖެޓެއް ކަމަށާއި ނަމަވެސް ބައި އިލެކްޝަން ބާއްވަން ޖެހިއްޖެ ހާލަތެއްގައި ދަތިތަކާ ދިމާވާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބޭއްވުމުގެ އިތުރަށް ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު އެންމެ ބޮޑު ހޭދައެއް ކުރަނީ އެކަމަށް ކަމަށެވެ. ނަމަވެސް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އެ ޕްރޮގްރާމަށްވެސް ރިއާޔަތްކޮށްފައި ނެތް ކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޚަރަދުތައް ކުޑަކުރުމާ ގުޅޭގޮތުން މެންބަރުން ވަނީ އީވޯޓިން ނިޒާމަކަށް ދިއުމާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ޒާހިދު ވިދާޅުވީ އެފަދަ ވިސްނުމެއް އެ ކޮމިޝަނުން ނުގެންގުޅުއްވާ ކަމަށެވެ. މިހާރު އޮތް ނިޒާމަކީ ދިވެހިން އިތުބާރު ކުރާ ނިޒާމެއް ކަމަށާއި އީ ވޯޓިން ނިޒާމަކަށް ދިއުމަށް ބޭނުންވާ މާހައުލެއް ރާއްޖޭގައި ނެތްކަމަށްވެސް ވިދާޅުވިއެވެ.

"މި ޒަމާނުގެ ޓެކްނޮލޮޖީއާއި މިޒަމާނުގަ ހުރި ފޯރުންތެރިކަމާއި މި އެއްޗެއްސަށް ބަލާއިރުގައި ހަމަ ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކުރާ ގޮތަށް އެކަން ކުރުމުގައި މާބޮޑު މައްސަލައެއް ޓެކްނިކަލީ ނޯވެ ހިނގައިދާނެ. އެކަމަކު ޤައުމެއްގައި އިންތިޚާބުގެ ކަންކަން ޤައުމުގެ މުސްތަގުބަލު ބައްޓަން ކުރުމަށް ޤައުމުގެ ލީޑަރުންނަށްތިބޭނީ ކޮންބައެއްތޯ ކަނޑައަޅާ ނިޒާމެއްގެ ތެރޭގައި ރައްޔިތުން ގަބޫލުކުރާ އިތުބާރު ހިފޭގޮތަށް އެކަން ކުރަންވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ ކުރިމަގުގައިވެސް އީވޯޓިންއަށް ރައްޔިތުން އިތުބާރު ކުރާނީ ސިޔާސީ ޕާޓީތަކުން އެކަމުގައި އެއްބާރުލުން ދީގެން ކުރާ މަސައްކަތްކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮމިޝަނަށް ފާސްކުރާ ބަޖެޓު މިނިވަންކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ދިނުމަށްވެސް ބަޖެޓު ކޮމިޓީގައި އެދިފައެވެ.