ޚަބަރު

މާލީ މިނިވަންކަން: ކޯޓުތަކުގެ ހިންގުމަށް ހެޔޮ ބަދަލެއް ލިބި، ދިމާވެފައިވާ އެތައް ދައްޗަކަށް ހައްލު!


  • ޝަރުޢީ ދާއިރާ ތަޙައްމަލުކުރަން ޖެހިފައިވަނީ، މާލީ ގޮތުން ދަތި ދުވަސްވަރެއް

  • ކޯޓުތަކަށް ޖާގަ ތަނަވަސްކުރުމާއި ބޭނުންވާ އަދަދަށް މުވައްޒަފުން ނެގުމުގައި ދަތިތައް ހުރި

ޝަރުޢީ ދާއިރާއަށް ސަރުކާރުން ހޯދައިދިނުމަށް ނިންމަވާފައިވާ މާލީ މިނިވަންކަމާއެކު ކޯޓުތަކުގެ ހިންގުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި ޒަމާނުންސުރެ ކޯޓުތަކަށް ދިމާވެފައިވާ އެތައް މައްސަލައަކަށް ޙައްލު ލިބޭނެ ކަމަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުޞްޠަފާ ވިދާޅުވީ، މިހާތަނަށް ޝަރުޢީ ދާއިރާ ތަޙައްމަލުކުރަން ޖެހިފައިވަނީ މާލީ ގޮތުން ދަތި ދުވަސްވަރެއް ކަމަށެވެ. އެގޮތުން މާލީ ދަތިކަން ހުރުމުން ކޯޓުތަކަށް ޖާގަ ތަނަވަސް ކުރުމާއި، ބޭނުންވާ އަދަދަށް މުވައްޒަފުން ނެގުމުގައި ގިނަ ދަތިތަކެއް ހުރިކަން އަމްޖަދު ފާހަގަކުރެއްވިއެވެ.

ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެ ދާއިރާއަށް މާލީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ނިންމަވާފައެވެ. މިގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޝަރުޢީ ދާއިރާގެ ގްރާންޓުގެ ގޮތުގައި 807.9 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.

އަމްޖަދު ވިދާޅުވީ، މާލީ މިނިވަންކަން ހޯދައިދިނުމަށް ސަރުކާރުން ނިންމެވުމާއެކު ކޯޓުތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން ނެގުމުގައި މާލީ ލުއި ފަސޭހަކަން ލިބި، ކޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަން ފުރިހަމަ ކުރުމަށްވެސް އެތައް ފަސޭހައެއް ލިބި، ޝަރުޢީ ދާއިރާގެ ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"އިމާރާތެއް ކުރިޔަސް މަރާމާތެއް ކުރިޔަސް ފިނޭންސުން ހުއްދަތައް ހޯދަންޖެހޭ. ވަރަށް ގިނަ ދުވަސްތައް އެބަނަގާ އެ ހުއްދައެއް ލިބެން. ނަމަވެސް މާލީ މިނިވަންކަން ލިބުމާއެކު މިކަމަށް ވަރަށް ބޮޑަށް ފަސޭހަވާނެ. އަޅުގަނޑުމެން ބޭނުންވާ އަދަދަށް ބޭނުންވާ އަވަސް މިނުގައި މުވައްޒަފުން ލިބޭނެ ގޮތް މި މަގުފަހިވީ." އަމްޖަދު ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ، އެކި ފަރާތްތައް މެދުވެރިކޮށް ކޯޓުތަކުން ހޯދައި ތަފާތު ޚިދުމަތްތަކުގެ ބިލަށް ފައިސާ ދިނުމަށް ދަތިތައް ދިމާވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއެކު އެކަން ޙައްލު ވެގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީ، މުވައްޒަފުން ހޯދުމަށާއި މުސާރައަށް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ކަނޑައެޅުނު ބަޖެޓުކަން އަމްޖަދު ފާހަގަކުރެއްވިއެވެ.

ޝަރުޢީ ދާއިރާއަށް މާލީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެގޮތުން ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.