ޚަބަރު

‎ރަފާ އާއި ދީމާ އަންހެން ޑަބަލްސް އިވެންޓުންގެ ކުއާޓަރ ފައިނަލަށް


  • ރަފާ އާއި ދިމާ ކުއަޓަރ ފައިނަލުން ޖާގަ ހޯދާފައިވަނީ ސީދާ ތިން ސެޓުން ޕާކިސްތާނު ބަލިކޮށްގެން

‎ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީގެ ޕެއަރ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

‎ރަފާ އާއި ދީމާ ކުއަޓަރ ފައިނަލުން ޖާގަ ހޯދާފައިވަނީ ސީދާ ތިން ސެޓުން ޕާކިސްތާނު ބަލިކޮށްގެންނެވެ.

‎ރަފާ އާއި ދީމާ ކުއާޓަރ ފައިނަލުގެ ޖާގަ ހޯދީ ވާދަކޮށްފައިވަނީ ޕާކިސްތާނުގެ ހޫރު ފަވާދު އަދި ކަލްސޫމް ޚާންއާއެވެ. މިމެޗުތަށް ކުރިއަށްދަނީ ބެސްޓް އޮފް ފައިވްއަށެވެ.

‎މިމެޗުގެ ފުރަތަމަ ސެޓު ފެށިގެން ދިޔައިރު، 2 ޕޮއިންޓްގެ ލީޑެއް ޕާކިސްތާންގެ ކުޅުންތެރިން ނެގި ނަމަވެސް ދިވެހި ޓީމުގެ ކުޅުން ރަނގަޅުކޮށް ދީމާ އަދި ރަފާ ވަނީ ފަހަތުން އަރާ ލީޑު ނަގާފައެވެ. މިސެޓުގައި ރަފާ އަދި ދީމާގެ ގުޅުން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ސެޓުގެ ކުރީކޮޅު ލީޑު ނެގިފަހުން ދީމާ އާއި ރާފާއަށް މިސެޓުގައި ލީޑު ގެއްލިފައެއް ނުވެއެވެ. ލީޑުގައި އޮވެގެން ކުޅެމުން ގޮސް ރަފާ އަދި ދީމާ މިމެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 11-7 އިންނެވެ.

‎މެޗުގެ ދެވަނަ ސެޓުގައިވެސް އެންމެ ފުރަތަމަ ލީޑު ނެގީ ޕާކިސްތާނުގެ ޕެއަރ އިންނެވެ. މިސެޓުގައިވެސް ކުރީކޮޅު ޕާކިސްތާންގެ ޕެއަރ އިން ކުޅެމުންދިޔައީ ލީޑުގައި އޮވެގެންނެވެ. ނަމަވެސް ދީމާ އަދި ރާފާ ވަނީ ފަހަތުން އަރާ 1 ޕޮއިންޓަށް ލީޑު ހަނިކޮށްފައެވެ. އެއީ 5-4 ކަށެވެ. ސެޓު ދެބައިވީއިރު، ރާއްޖެއިންވަނީ 6-6 ކަށް އެއްވަރުކޮށްފައެވެ. އަދި އެއަށްފަހު ދީމާ އަދި ރާފާ ވަނީ ކުޅުން ރަނގަޅުކޮށް ލީޑުވެސް ނަގާފައެވެ. އެއަށްފަހު ރަފާ އަދި ދީމާ ދިޔައީ ލީޑު ފުޅާކުރަމުންނެވެ. އެއާއެކު މެޗުގެ ދެވަނަ ސެޓުގައި ޕާކިސްތާންގެ ކުޅުންތެރިންގެ މައްޗަށް ދީމާ އާއި ރަފާ ކުރި ހޯދީ ފުރަތަމަ ސެޓުގައިވެސް ހޯދި ސްކޯއިންނެވެ. އެއީ 11-7 އިންނެވެ.

‎މެޗުގެ ތިންވަނަ ސެޓުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވަރަށް އެއްވަރު ކުޅުމެކެވެ. ދެޓީމުންކުރެ ޓީމަކުން އެއްވެސް ޓީމަކަށް ލީޑު ފުޅާކުރުމަށް ފުރުސަތު ދީފައެއް ނުވެއެވެ. ނަމަވެސް ސެޓުގެ 5 ވަނަ ޕޮއިންޓާއި ހަމައިން ދިމާ އަދި ރަފާ ވަނީ ކުޅުން ރަނގަޅުކޮށް އެއް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ނަމަވެސް ސެޓުގެ މެދުތެރެއިން ޕާކިސްތާނުގެ ޕެއަރ އިންވެސް ލީޑު ފުޅާކުރުމަށް މާބޮޑު ފުރުސަތެއް ދީފައެއް ނުވެއެވެ.

‎ސެޓުގެ ފަހުކޮޅު ދީމާ އަދި ރަފާގެ މޮޅު ކުޅުމާއެކު ތިންވަނަ ސެޓު 11-9 އިން ކާމިޔާބުކުރިއެވެ. މިއާއެކު ރާއްޖޭގެ ދީމާ އާއި ރަފާ ވަނީ ސީދާ ތިން ސެޓުން ރައުންޑް އޮފް ސިކްސްޓީން އިން މޮޅުވެ، މުބާރާތުގެ ކުއަޓަރ ފައިނަލުން ޖާގަ ހޯދާފައެވެ.