ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން، ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރެއްވުމަށް ޚާއްސަ ބައްދަލުވުމެއް މިއަހަރުވެސް ބާއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް ވީ ކޮންމެ ވަޢުދަކީ އެކަމުގެ ނިޔަތް އޮވެ އެކަންކަން ފުއްދައިދިނުމަށް ވީ ވަޢުދުކަމަށެވެ. އަދި އެމަގުން، މުޅި ސަރުކާރު އެކުގައި ގުޅިގެން އެކަންކަން ޙާސިލުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރަކޭ އެއްގޮތަށް، ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ޚާއްސަ ބައްދަލުވުމެއް ނޮވެންބަރު 17 ވަނަ ދުވަހު ބާއްވަވާނެކަމަށެވެ. މިދިޔަ އަހަރުގެ ބައްދަލުވުމުގައިވެސް އެ ތަފްސީލްތައް ރައްޔިތުންނާ ޙިއްސާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށެވެ.
"ހަމަ މި މާލަމުގައި، ބާއްވާ ބައްދަލުވުމެއްގައި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާގޮތް ރައްޔިތުންނާ ހިއްސާކުރުމަށް. ޕްރެޒެންޓޭޝަނެއްގެ ގޮތުގައި، ނަތީޖާ ފެކްޓްސްތަކާ އެކު އެ މަޢުލޫމާތު ގެންނާނީ. ރިޔާސީ އިންތިޚާބުގެ ވަޢުދުތަކާ އަދި ސަރުކާރުން ފަށާފައިވާ އެހެނިހެން މަސައްކަތްތައް ހިއްސާކުރާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ ވަޢުދަކާއި، ކޮންމެ ނިންމުމަކާއި ކޮންމެ ކަމެއް ހާސިލުވަމުންދާ މިންވަރު، ވަރަށް ތަފްސީލީ ގޮތެއްގައި ދެނެގަނެ ބަލަހައްޓަމުންދާކަމަށެވެ. އަދި ސަރުކާރުގެ ކޮންމެ ކާމިޔާބީއެއް ހާސިލުކުރެވެނީ ރައްޔިތުންނާއި މުޅި ނިޒާމުގެ ޝާމިލުވުން އެކަމުގައި އޮވެގެންކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރަށް 1 އަހަރު ފުރުމުގެ މުނާސަބާގައި، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރެއްވުމަށް "ރައްޔިތުންނާއެކު ކުރިއަށް"ގެ ނަމުގައި ބޮޑު ބައްދަލުވުމެއް ބާއްވާފައެވެ. ޓީވީތަކުން ލައިވްކޮށް، ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވަކިވަކި ދާއިރާތަކުން ސަރުކާރުން ވެފައިވާ ވަޢުދުތަކާއި، އެކަންކަން ޙާސިލުވި މިންވަރާއި، ޙާސިލްވަމުންދާ މިންވަރު އަދި ބައެއް ދާއިރާތަކުން ސަރުކާރުން ހުރި ގޮންޖެހުންތައް ޙިއްސާކުރައްވާފައިވެއެވެ.
ޚާއްސަކޮށް ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކުރައްވަމުން ގެންދެވި މަސައްކަތްތަކުން ފެށިގެން ސަރުކާރުގެ ބޮޑެތި މަޝްރޫޢުތަކާއި އަތޮޅުތަކުގެ ތަރައްޤީއަށް ކަންކަން ރާވާ ހިންގަމުންދާގޮތުގެ ތަފްސީލްތައްވެސް ޙިއްސާކުރެއްވިއެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސްގެ ވަރަށް މުހިންމު ސިޔާސަތެކެވެ.