ޚަބަރު

މިމަހުގެ މިހާތަނަށް މަސްވެރިން މިފްކޯއަށް ކިރުވި މަހަށް 6.5މިލިޔަނަށްވުރެ ގިނަ ރުފިޔާ!


  • މިމަހުގެ މިހާތަނަށް ޖުމްލަ 6516497.44 ރުފިޔާ ދޫކޮށްފައިވޭ

  • އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ނޮވެމްބަރު 1 ވަނަ ދުވަހު

މިމަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 6.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މި ހިނގާ ނޮވެމްބަރުމަހުގެ މިހާތަނަށް މިފްކޯއަށް 281 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. އަދި މަސްވެރިންނަށް 6.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ހިނގާ ނޮވެމްބަރުމަހުގެ މިހާތަނަށް މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއަށް 44 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް މުޅި ޖުމްލަ 1.4 މިލިޔަން މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިމަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް މަސްވެރިންނަށް ދޫކޮށްފައިވާ ރުފިޔާ:

ނޮވެމްބަރު 1: 1،268،540.18ރ
ނޮވެމްބަރު 2: 831،963.85ރ
ނޮވެމްބަރު 3: 1،171،924.83ރ
ނޮވެމްބަރު 4: 1،227،616.85ރ
ނޮވެމްބަރު 5: 1،017،490.15ރ
ނޮވެމްބަރު 6: 620،531.85ރ
ނޮވެމްބަރު 8: 76،641.80ރ
ނޮވެމްބަރު 9: 201،787.93ރ

މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވިނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މަސްވެރިން ކިރުވާ މަހަށް އެންމެ ލަސްވެގެން 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންނެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.