ޚަބަރު

ރާއްޖޭގެ އިޤްތިޞާދީ މިސްރާބު ހުރީ ރަނގަޅަށް، އަޅަމުންދަނީ ހަރުދަނާ ފިޔަވަޅުތައް: ޞާލިޙް


  • ސިޔާސަތުތައް އެކުލަވާލުމުންދަނީ މީހުން ބިނާކުރުމުގެ ވިސްނުމުގައި

  • އާޓިފިޝަލް އިންޓަލިޖެންސާއި ޒަމާނީ ވަޞީލަތްތަކަށް މިހާރު ފުރުސަތުވަނީ ހުޅުވާލެވިފައި

  • އެންމެ މުހިއްމު މަސައްކަތަކަށް ކުރެވުނީ ދިވެހީން ވިޔަފާރިއަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރެވުނު މަސައްކަތް

ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު މިސްރާބު ޖަހާފައިވަނީ މުހިއްމު އަދި ރަނގަޅު ދިމާލަކަށްކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ، ނިޝާން މުލީގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ޞާލިޙް ވިދާޅުވީ ރާއްޖޭގައި ވިޔަފާރިތައް ކުރިއެރުވުމަށް ޒަމާނީ ވަޞީލަތްތައް ބޭނުންކުރެވޭނެ ފަހި މާޙައުލެއް އޮތްކަމަށެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ދިވެހި ދައުލަތުގެ ޢިއްޒަތުގެ ޝަރަފު، ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު އަރުވާފައިވާ ވިޔަފާރިވެރިޔާ، މުޙައްމަދު ޞާލިޙް ވިދާޅުވީ، ޚިދުމަތުގެ ބައި ޤަރުނަށްވުރެ ދިގު ތާރީޚުގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ، ވިޔަފާރީގެ ދާއިރާއިން މީހުން އަހުލުވެރިކުރުވުމަށް ކުރެވުނު މަސައްކަތްތަކަމަށެވެ. އެގޮތުން ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތައް، އެދާއިރާގައި އެންގޭޖްކުރުވުމާއި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަންހެނުން ވިޔަފާރީގެ ދާއިރާގައި ބައިވެރިކޮށް އެކަން ބަލައިގަތްގަތުމަކީ ހޯދުނު ކާމިޔާބީއެއްގެ ގޮތުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު މިހާރު ކުރިއަށްދާގޮތުން ޤައުމުގެ އިޤްތިޞާދު ހުރީ މުހިއްމު އަދި ރަނގަޅު މިސްރާބެއްގައިކަމަށް ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ، މީގެކުރީގައި ކަންކަން ހިންގަމުން އައިގޮތާއި ޚިލާފަށް މިހާރު، ސިޔާސަތުތައް އެކުލަވާލުމުގައާއި އެހެނިހެން ކަންކަމަށް ބަލާއިރުވެސް ކަންކަން ބައްޓަންވަމުންދަނީ މީހުން ބިނާކުރުމުގެ ވިސްނުމުގައިކަމަށެވެ. އަދި ދިވެހީން ތިބި ޙާލަތުން އެހެން ޙާލަތަކަށް ގެންދިޔުމަށް ވިސްނުމަށް ގެންނަމުންދާ ބަދަލުތަކާއި މީހުންގެ ނަފްސުގެ ޤާބިލުކަމަށް ވާޞިލުވެ، އޭގެ ބޭނުންކުރަމުން ކުރިއަށްދަނީ ޤައުމު އައު މިސްރާބަކަށް ގެންދަންކަމަށް ވިދާޅުވިއެވެ. އެގޮތުން އާޓިފިޝަލް އިންޓަރލިޖެންސާއި އެހެނިހެން ޒަމާނީ ވަޞީލަތްތަކަށް ދިވެހީން އަހުލުވެރިވަމުންދާއިރު އެކަމަށް ފުރުސަތު މިއަދު ފަހިވަމުންދާކަމަށް ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއަރުވާ، ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވާ އިޤްތިޞާދު ބިނާކުރެއްވުމަށް މުޙައްމަދު ޞާލިޙްކޮށްދެއްވި ބުރަ މަސައްތަކުގެ އަގުވަޒަންކުރައްވާ ދިވެހި ދައުލަތުގެ ޢިއްޒަތް، ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު އަރުވާފައެވެ. ޞާލިޙު ވަނީ ވޭތުވެދިޔަ ބައި ޤަރުނުގެ ތެރޭގައި ރާއްޖެއަށް އެކި ބާވަތުގެ ވިޔަފާރިތައް ތަޢާރަފްކޮށް، ރާއްޖޭގެ ތިމާވެއްޓާ ރައްޓެހިގޮތަކަށް ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަސައްކަތްކުރައްވާފައެވެ.