ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ 2 މުވައްޒަފަކަށް ލިބިވަޑައިގެންފިއެވެ. މިއިނާމު ލިބިފައިވަނީ ޕީއެސްއެމްގެ މެނޭޖަރ، ޕްރޮޖެކްޓްސް ޢަލީ ސަލީމަށާއި، އެސިސްޓެންޓް މެނޭޖަރ ޢައިޝަތު ހަނީއަށެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރައްވާ ދިވެހި ދައުލަތުގެ އިނާމު ލިބިވަޑައިގެންފައެވެ. ޕީއެސްއެމްގެ ދެބޭފުޅަކަށްވެސްވަނީ މިއިނާމު ލިބިފައެވެ. ދިވެހި ދައުލަތުގެ އިނާމު ޕީއެސްއެމްގެ މެނޭޖަރ، ޕްރޮޖެކްޓްސް ޢަލީ ސަލީމްއަށްވަނީ ލިބިވަޑައިގެންފައެވެ. ޢަލީ ސަލީމް 37 އަހަރު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައިވާއިރު އެންމެ ފުރަތަމަ ޚިދުމަތަށް ނިކުންނެވީ، ސިވިލް އެވިއޭޝަން އޮތޯރިޓީގެ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ޓްރެއިނީގެ ވަޒީފާއިންނެވެ.
ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތަށް ނުކުންނެވީ، 19 ޖޫން 1989 ގައެވެ. އަދި މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައިވަނީ ޓީވީގެ ޓެކްނިކަލް އެކި މަޤާމުތައް ފުރުއްވާފައެވެ. އޭނާވަނީ ޕީއެސްއެމްގެ އެސިސްޓެންޓް މެނޭޖަރ، ބްރޯޑްކާސްޓް އޮޕަރޭޝަންގެ މަޤާމާއި މެނޭޖަރ ޓެކްނިކަލް އޮޕަރޭޝަންސްގެ މަޤާމު ފުރުއްވާފައެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި އިނާމު ލިބިވަޑައިގެންނެވި އެސިސްޓެންޓް މެނޭޖަރ ޢައިޝަތު ހަނީ، އެންމެ ފުރަތަމަ ޚިދުމަތަށް ނުކުންނެވީ 18 ސެޕްޓެމްބަރު 1989ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ 2 ނަމްބަރު ކާތިބާގެ ވަޒީފާއަށެވެ. އެމިނިސްޓްރީގެ އެކި މަޤާމުތައްވަނީ ފުރުއްވާފައެވެ. އެމްއެންބީސީ، އެމްބީސީ އަދި މިހާރު ޕީއެސްއެމްގެ ސީނިއަރ އެޑްމިނިސްޓްރެޓަރ ކަމުގެ މަޤާމާއި ސީނިއަރ އޮފިސަރކަމުގެ މަޤާމުވެސްވަނީ ހަނީ ވަނީ ފުރުއްވާފައެވެ. އޭނާ ވަނީ 36 އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ.
މިއަދު އިނާމު ލިބިވަޑައިގެންނެވި ދެ މުވައްޒިފުންނަކީ މިހާރުވެސް ޕީއެސްއެމްގައި މަސައްކަތް ކުރައްވަމުންދާ ދެމުވައްޒިފުންނެވެ. ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު 97 ބޭފުޅަކަށްވަނީ އަރުވާފައެވެ. އޭގެތެރޭގައި 35 އަހަރާއި 39 އަހަރާއި ދެމެދު ދައުލަތަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުން ހިމެނެއެވެ.