ޚަބަރު

ބައި ޤަރުނަށްވުރެ ދިގު މުއްދަތުގެ ޚިދުމަތާއެކު ދިވެހި ދައުލަތުގެ އިއްޒަތް ޞާލިޙަށް


  • ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގައި މުހިއްމު މަސައްކަތްތަކެއްކުރެއްވި

  • ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމެއް ތަޢާރަފްކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު އައްޑު އަތޮޅު ހުޅުދޫއަށް އުފަން މ. ޝުއާސް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. އެނާވަނީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއަރުވާ، ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވާ އިޤްތިޞާދު ބިނާކުރެއްވުމަށް މުޙައްމަދު ޞާލިޙްކޮށްދެއްވި ބުރަ މަސައްތަކުގެ އަގުވަޒަންކުރައްވާ ދިވެހި ދައުލަތުގެ ޢިއްޒަތް ނުވަތަ ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު އަރުވާފައެވެ. ޞާލިޙު ވަނީ ވޭތުވެދިޔަ ބައި ޤަރުނުގެ ތެރޭގައި ރާއްޖެއަށް އެކި ބާވަތުގެ ވިޔަފާރިތައް ތަޢާރަފްކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަސައްކަތްކުރައްވާފައެވެ.

1951 ވަނަ އަހަރު އައްޑޫގައި ހުރި ރޯޔަލް އެއަރފޯސްގައި ޚިދުމަތް ފައްޓަވާ 15 ވަރަކަށް އަހަރު ޚިދުމަތްކުރެއްވިއެވެ. އެންމެ ފުރަތަމަ ކާގޯ ކްލިއަރެންސްގެ މަސައްކަތާއި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރެއްވިއެވެ. އަދި އެމުއްދަތުގައި އެއްކުރެވުނު ފައިސާއަށް އަލްޓަރފްގެ ނަމުގައި ފުރަތަމަ ކުންފުނި އުފައްދަވާ ފަތުރުވެރިކަމުގެ ދާއިރާއިން ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. ވޭތުވެދިޔަ އަހަރުތަކުގައިވަނީ ރާއްޖޭގެ ތިމާވެށީގެ ދާއިރާއަށް އިސްކަންދެއްވާ ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމެއް ތަޢާރަފްކުރެއްވުމުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. ރީޓެއިލް އަދި ހޯލްސޭލްގެ އެކި ވިޔަފާރިތައް ކުރައްވާފައިވާއިރު 2000 ވަނަ އަހަރު ދަމާސް އުފައްދަވާ ވިޔަފާރި ފުޅާކުރެއްވިއެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން ގެނައުމުގައި ޞާލިޙްގެ ބުރަ މަސައްކަތް ސަރުކާރުން ފާހަގަކުރައްވައެވެ.

އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ ފުރަތަމަ ސަރުކާރުން އުފެއްދެވި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ފުރުއްވީ ޞާލިޙެވެ. އަދި އުފަން އަތޮޅުކަމުގައިވާ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހެރެތެރެ ވުޖޫދުކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ.

މީގެއިތުރުން ސަރކްގެ ވިޔަފާރިވެރިންނަށް ދިވެހި ވިޔަފާރިވެރިން ތަޢާރަފްކޮށްދެއްވާ ޤައުމުތަކުގެ މެދުގައި މުހިއްމު ވިޔަފާރީގެ ގުޅުންތައް ބިނާކުރެއްވުމުގައި މުހިއްމު ދައުރެއްވެސް އަދާކުރެއްވިއެވެ. ޚިދުމަތުގެ ދާއިރާ ފުޅާކުރައްވާ 2012 ވަނަ އަހަރު މެޑިކާގެ ނަމުގައި ޞިއްޙީ ޚިދުމަތްވަނީ ފައްޓަވާފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތް ބިނާކުރެއްވުމާއި ސްކޫލްތަކުގައި ނަމާދުގެތައް ޤާއިމްކުރެއްވުމުގެ މަސައްކަތް ވަނީ ކޮށްދެއްވާފައެވެ.

ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމަށް ބައި ޤަރުނުކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް ދައުލަތުން ވަނީ 2022 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ. ފަތުރުވެރިކަމުގެ 50 އަހަރު ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި "ޕްރެޒިޑެންޓްސް ޓުރިޒަމް ގޯލްޑް އެވޯޑު" އަރުވާފައިވާއިރު، ސިންގަޕޫރާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް މިއަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްސަ އެވޯޑެއް ދެއްވާފައެވެ. މިނޫންވެސް މުހިއްމު އެވޯޑުތައްވަނީ ލިބިވަޑައިގެންފައެވެ.