ޢަދުލުވެރިކަން ޤާއިމުކޮށް، ދުރު ރާސްތާއަށް ސިޔާސަތު ބައްޓަންކުރާނީ ހަރުދަނާ ވެރިއެއްކަމަށާއި އެފަދަ ސިފަތައް މި ވެރިކަމުގައި ފެންނަމުންދާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް ލާބަހުރި މަންފާ ހުރި ގޮތްތައް ގެނައުން ކަމަށެވެ. މި ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ރައްޔިތުންނަށް ވަފާތެރިކަމާއި އަމާނަތްތެރިކަމާއެކު ވެރިކަންކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރަނގަޅު ހެޔޮ ވެރިއެއްގެ ކިބައިގައި ހުންނާނެ ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން އިސްލާމީ ބައެއް ޢިލްމުވެރިން މިފަދަ ސިފަތަކާ ބެހޭގޮތުން ލިޔުއްވާ އަދި ދައްކަވާ ވާހަކަފުޅުތައް ޙިއްސާކުރެއްވިއެވެ.
"އިސްލާމީ މުފައްކިރުން ބުނާ ބުނުން ވިސްނާލުން މުހިންމު. ދީނީ ގޮތުން ނުރަނގަޅު ރަނގަޅު ދެނެގަތުމުގެ ޤާބިލުކަމާއި ރައްޔިތުންގެ ހާލު ދެނެގަތުމުގެ ޤާބިލުކަން ހުންނަންޖެހޭނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހެޔޮ ވެރިއެއްގެ ކިބައިގައި އަމާނާތްތެރިކަމާއި ޢަދުލުވެރިކަން ޤާއިމުކުރުމުގެ ޤާބިލުކަން ހުންނަންވާނެ ކަަމަށެވެ. އަދި ދީނީ އަޚުލާޤަށް އިސްކަންދެއްވުމާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް އިސްކަންދިނުމަކީވެސް ރަނގަޅު ވެރިއެއްގެ ކިބައިގައި ހުންނާނެ ސިފަތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ހަރުދަނާ ވެރިއަކު ދުރު ރާސްތާއަށް ވިސްނަވައިގެން ކަންކަން ރާއްވަވައި، ސިޔާސަތުތައް ބައްޓަންކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ހަރުދަނާ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ސަރުކާރަށް މިވީ 2 އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކޮށްލެވެނީ ދީނާއި ޤައުމިއްޔަތަށް ޚާއްސަ އިސްކަމެއްދެއްވާ، ޝަރުޢީ ދާއިރާއަށް މިނިވަންކަން ހޯދައިދީ، ރައްޔިތުންނާ ވަރަށް ގާތުން ވެރިކަންކުރާ ވެރިއެއްގެ ގޮތުގައެވެ. އަދި ދުރު ރާސްތާއަށް ވިސްނަވައިގެން އެމަނިކުފާނު ދަނީ ސިޔާސަތުތައް ބައްޓަންކުރައްވަމުންނެވެ. އެގޮތުން 20 އަހަރުގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މި ސަރުކާރުން ދަނީ މިހާރު ކުރައްވަމުންނެވެ.