ޚަބަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ތިންވަނަ ދުވަހު ރާއްޖޭގެ ފެތުންތެރިންނަށް ރަނގަޅު ތަޖުރިބާތަކެއް


  • ތިންވަނަ ދުވަހު ދިވެހި ފެތުންތެރިން ވަނީ ހަ އިވެންޓެއްގައި ވާދަކޮށްފައި

  • މިކްސް 4 ގުނަ 100 މީޓަރު މިޑްރޭ ރިލޭ ނިންމާފައިވަނީ 5 މިނެޓު 3.95 ސިކުންތުން

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ސްވިމިން ޓީމުން ތިންވަނަ ދުވަހުގެ އިވެންޓުތައް ނިންމާލައިފިއެވެ.

އެގޮތުން ދިވެހި ފެތުންތެރިން ވަނީ މިއަދު ހަ އިވެންޓެއްގައި ވާދަކޮށްފައެވެ. 200 މީޓަރު ބެކްސްޓްރޯކް އަންހެން އިވެންޓުގެ ހީޓު ދޭއްގައި ރާއްޖޭގެ ޒައިނަބު ޢަބްދުﷲ ޝަފީގު ވާދަކުރިއިރު، ޒައިނަބު ރޭސް ނިންމާފައިވަނީ 3 މިނެޓު 14.72 ސިކުންތުންނެވެ.

200 މީޓަރު ބެކްސްޓްރޯކް ފިރިހެން އިވެންޓުގެ ހީޓް އެކެއްގައި އިޒްޔާން ނާޒިމަށް ހެދުނު ގޯހެއްގެ ސަބަބުން އޭނާ ވަނީ ޑިސްކޮލައިފައިވެފައެވެ. މި އިވެންޓުގެ ހީޓް ދޭއްގައި ވާދަކޮށް ލޫތު މުޙައްމަދު ހުސެއިން ރޭސް ނިންމާފައިވަނީ 2 މިނެޓު 46.11 ސިކުންތުންނެވެ.

200 މީޓަރު ބަޓަރފްލައި ފިރިހެން އިވެންޓުގެ ހީޓް އެކެއްގައި ވާދަކޮށް މުޙައްމަދު ރިހާން ޝިހާމް ރޭސް ނިންމާފައިވަނީ 2 މިނެޓު 31.58 ސިކުންތުންނެވެ. އަދި މި އިވެންޓުގެ ދެވަނަ ހީޓުގައި ވާދަކޮށް މުޙައްމަދު އައިދިން ނިޔާޒް ރޭސް ނިންމާފައިވަނީ 2 މިނެޓު 49.76 ސިކުންތުންނެވެ. ރާއްޖޭގެ މިއަދުގެ ފަހު އިވެންޓެއްގެ ގޮތުން ކުރިއަށްދިޔައީ މިކްސް 4 ގުނަ 100 މީޓަރު މިޑްރޭ ރިލޭއެވެ. މި ރިލޭގައި ވާދަކޮށް ރާއްޖޭގެ ފެތުންތެރިން ރޭސް ނިންމާފައިވަނީ 5 މިނެޓު 3.95 ސިކުންތުންނެވެ. މި ރިލޭގައި ރާއްޖެއިން ވާދަކޮށްފައިވަނީއަޔާނާ އަރީފް، ލޫތު މުޙައްމަދު، ޢަލީ އިމްއާން އަދި ޒައިނަބު އަބްދުﷲ ޝަފީގެވެ.