17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވަމުން އަންނަ ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމުން ރާއްޖޭގައި ކުރިއަށްގެންދާ ތަމްރީނު ކޭމްޕުގެ ތެރެއިން އެ ޓީމަށް އެހީވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޚާއްސަ ޓިކެޓުތަކެއް ތަޢާރަފުކޮށްފިއެވެ.
ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ވަނީ ރާއްޖޭގައި ކޭމްޕުކުރުމަށް ނިންމާފައެވެ. އެގޮތުން ފަލަސްޠީން ޓީމު މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ޓީމު ރާއްޖޭގައި މަޑުކުރާނެއެވެ. އަދި ތަމްރީނު ކޭމްޕުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅޭއިރު، އެ މެޗުތައް ކުޅޭނީ މި މަހުގެ 13 އާއި 15 ވަނަ ދުވަހު ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ.
އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރާ ދެ މެޗުގައި ސްވެނިއަރ ޓިކެޓު ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ކޮންމެ މެޗެއްގައިވެސް ވިއްކާނީ ސްވެނިއަރ ޕްލެޓިނަމް 50 ޓިކެޓާއި، ސްވެނިއަރ ގޯލްޑް 200 ޓިކެޓު ކަމަށެވެ.
އެފްއޭއެމުން ބުނީ މި ޓިކެޓުތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީން ޓީމަށް ހަދިޔާ ކުރުމަށް ނިންމައިފައިވާ ކަމަށެވެ.
ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިފައިވާތީ، އެ ޓީމު ރާއްޖޭގައި ކޭމްޕުކުރުމަށް ހިނގާ އެންމެހައި ޚަރަދުތަކާއި އިންތިޒާމުތައް ހަމަޖެއްސުމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިފައިވާ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.