ޚަބަރު

ބާރު ދުވެލީގައި މަސައްކަތް ނިންމައި، ހަނިމާދޫ އެއަރޕޯޓު ނިންމަން ވެވަޑައިގެންނެވި ވަޢުދު ފުއްދަވައިފި


  • އެއަރޕޯޓުގެ މަސައްކަތް އަވަސްކުރުމަކީ ރައީސްގެ ރިޔާސީ ވަޢުދެއް

ބާރު ދުވެލީގައި މަސައްކަތް ކުރިއަށް ގެންގޮސް، ވީހާވެސް އަވަހަށް ހަނިމާދޫ އެއަރޕޯޓު ނިންމަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދަވައިފިއެވެ.

ހަނިމާދޫ އެއަރޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ އެކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ހަނިމާދޫއަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ ބަޔަކު އޮޅުންފިލުވަން ބޭނުންފުޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށް ވާނެގޮތަކާއި ގުޅޭގޮތުންކަމަށެވެ. އަދި އެ މަސައްކަތް އޭރު ކުރިއަށްދިޔަ ދުވެއްޔަށްވުރެ ބާރު ދުވެއްޔެއްގައި ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ވަގުތުން ޖަވާބު ދިނިން. އަޅުގަނޑު ދެންނެވިން ހަމައެކަނި މަސައްކަތް ނުހުއްޓާ ކުރިއަށް ގެންދާނީއެއް ނޫނޭ. އެއަށްވުރެ އިތުރަށް މި މަސައްކަތަށް ބާރުލާ، އިތުރަށް ކަންކަން ހަލުވި ކުރެވޭނެ ގޮތް ހަދައިދީ. މި އެއަރޕޯޓު އޭރު ދިޔަ ދުވެއްޔަށްވުރެ އެތައް ގުނައެއް ބާރުކޮށް ކުރިއަށްގެންގޮސްދީ ނިންމައިދޭނަމޭ. އެ ވައުދު އިރާދަކުރެއްވީތީ ފުދިގެން މިދިޔައީ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަނިމާދޫ އެއަރޕޯޓު ހުޅުވިގެންދާއިރު، މިއީ ވަރަށްވެސް މުހިއްމު ތަރައްޤީގެ މަސައްކަތެއްގެ ކާމިޔާބީއެއްކަމަށެވެ. އަދި މިއީ ހަމައެކަނި އެއަޕޯޓެއް ނޫންކަމަށާއި. މިއީ މި ސަރަހައްދުގެ ހުރިހާ ރައްޔިތުންގެ ތަރައްޤީއަށް ހުޅުވޭ ދޮރާއްޓެއްކަމަށެވެ. އަދި މިތަން ވެގެންދާނީ މުޅި ބޮޑުތިލަދުންމައްޗަށްވެސް ތަރައްޤީގެ ރޮނގުން އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢަކަށްކަމަށެވެ.

މިއަދު ހުޅުވިގެންދިޔަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން މި އޭޕްރަންގައި އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ. 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރަރާކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް މިއެއަރޕޯޓުގެ ވަނީ ތަރައްގީކޮށްފައެވެ.

ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އައު ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހުރެއެވެ. އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ ހަނިމާދޫ އެއަރޕޯޓްގައެވެ.

އެންމެ ޒަމާނީ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ފަދަގޮތަކަށް ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓެކެވެ. އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފަށާފައިވާއިރު، މި މަޝްރޫޢަކީ 136.6 މިލިޔަން ޑޮލަރު ނުވަަތަ ދެ ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.