ޚަބަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އޭޝިއަން ޔޫތު ގޭމްސް އަށްވުރެ ވާދަވެރި: ވަޒީރު ރާފިޢު


  • ކުރިއަށްދާނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް

  • ނގަޅު ޕާފޯމަންސެއް ދައްކައި، 100 އިންސައްތަ ދީގެން ރަނގަޅު ކާމިޔާބީއެއް ހޯދޭނެ

ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަކީ ދާދި ފަހުން ބަހްރެއިންގައި ނިމިގެންދިޔަ އޭޝިއަން ޔޫތު ގޭމްސް އަށްވުރެ ވާދަވެރި މުބާރާތެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

އިއްޔެ ފެށި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ކުރިއަށްދާނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖެއިން ހަތަރު ކުޅިވަރެއްގައި ވާދަކުރާއިރު، އެ ކުޅިވަރުތަކަކީ ފެތުން، ޓޭބަލް ޓެނިސް، ހޭންޑްބޯޅައާއި އެތުލެޓިކްސްއެވެ.

ރިޔާދުގައި ހުންނަވައި ދެއްވި އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ހަތަރު ކުޅިވަރެއްގައި ރާއްޖެއިން ތަމްސީލުކުރާއިރު، މިއީ ދާދި ފަހުން ބަހްރެއިންގައި ނިމުނު އޭޝިއަން ޔޫތު ގޭމްސް އަށްވުރެ ވާދަވެރި މުބާރާތެއް ކަމަށެވެ. އަދި މިއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ހިމެނޭ ހުރިހާ ޤައުމެއް އެއް ފަހަރާ ބައިވެރިވާ މުބާރާތެއް ކަމަށާއި، އެހެންކަމުން މިއީ ތާރީޚީ މުބާރާތެއް ކަމަށްވެސް ވިދާޅުވިއެވެ.

މި މުބާރާތުގައި ވާދަކުރާ ދިވެހި އެތުލީޓުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދެމުން ވަޒީރު ވިދާޅުވީ ވަރުގަދަ އަޒުމަކާއެކު ރަނގަޅު ޕާފޯމަންސެއް ދައްކައި، 100 އިންސައްތަ ދީގެން ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެތުލީޓުންނަށް ދަންނަވާލަން އޮތީ ހިތްވަރާއެކު، ވަރުގަދަ އަޒުމަކާއެކު ރަނގަޅު ޕާފޯމަންސެއް ދައްކަން ހިނގާށޭ، 100 އިންސައްތަ ދީގެން މި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދަން. އެކަން އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް ކުރެވޭނެ. އެންމެން ގުޅިގެން މިތިބީ އެތުލީޓުންނާ އެކުގައި. އަދި ރާއްޖޭގެ ކުޅިވަރު އާއިލާވެސް އޮތީ އެތުލީޓުންގެ ފަހަތުގައި." ވަޒީރު ރާފިޢު ވިދާޅުވިއެވެ.

އިސްލާމީ ޤައުމުތަކަށް ޚާއްސަކޮށްގެން ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަނަރަކީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ. އަދި ޑެޕިއުޓީ ޗެފް ޑިމިޝަނަރަކީ މަރްޔަމް ޝައުފާއެވެ.