ބަންޑުން ޖަހާލި ކޮލޫވެއްޓި ދުއްވި ކެޕްޓަން އަތުގައި އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް ނެތްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޢިބްތިދާޢީ ހޯދުންތަކުގައި ފާހަގަކޮށްފިއެވެ.
އެމްޕީއެލް ސަރަހައްދުގެ ބޭރުގައި އޮތް "އެމްވީ ސެލެސްޓިއާ" ބޯޓު ބަންޑުން ޖަހާލީ މިމަހުގެ 2 ވަނަ ދުވަހުއެވެ. މި ބޯޓު ބަންޑުން ޖަހާލީ ލޭންޑިން ކްރާފްޓަރަކަށް 2 އެކްސްކަވޭޓަރ ބަރުކުރުމުގެ ތެރޭގައެވެ. މި ހާދިސާގައު އެމްޕީއެލްގެ ދެ މުވައްޒަފަކު ނިޔާވިއެވެ.
މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ވަނީ އެތެރޭގެ ތަހުޤީގެއް ހިންގަވާފާއެވެ. އަދި މި ތަޙުޤީޤުގެ ޢިބްތިދާޢީ ހޯދުންތައް މިހާރު ވަނީ ޢަންމުކުރައްވާފައެވެ.
- މި އޮޕަރޭޝަންގައި 2 އެކްސްކެވޭޓަރ އެރުވުމަށް މުދާ އެތެރެކުރި ފަރާތް ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަންހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަން.
- ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަން.
- ލޭންޑިންގ ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ޤަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން. އަދި އެއީ ލޭންޑިންގ ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން.
އެމްޕީއެލްއިން ވިދާޅުވީ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ގަވާއިދުތަކުގެ ތެރެއިން، ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދުގެ ކެޕްޓަން ކަމަށެވެ. އަދި ކެޕްޓަން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން 2 އެކްސްކެވޭޓަރ ލޭންޑިންގ ކްރާފްޓްގައި ބެހެއްޓުމަށްފަހު، ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގިކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އެހެންނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިންގ ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިންގ ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
ކޮލޫވެއްޓި ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމް.ޕީ.އެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އެމްޕީއެލްއިން ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުން އެ އުޅަނދުގައި އެވަގުތު ތިބީ މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިންގ ކްރާފްޓް ގިރާކޮށްފައި ކަމުގައިވާތީ ކަމަށެވެ.
އެމްޕީއެލްއިން ވިދާޅުވީ ލޭންޑިންގ ކްރާފްޓަށް 2 އެކްސްކެވޭޓަރ ބޭލުމުގެ އޮޕަރޭޝަންސްތައް ފުރިހަމަކޮށްފައިވަނީ މިފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މިފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މުދާ ގެންނަ ފަރާތުން މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސަންސް ޗެކްކުރުން ފަދަ ކަންތައްތައް ގަވާއިދާއި އުޞޫލުގެ ތެރެއިން އެމްޕީއެލްއިން ކަށަވަރުކުރަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް މުރާޖަޢާކޮށް، އުސޫލު މިހާރު ބަދަލުކޮށްފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
އެމްޕީއެލްއިން ވިދާޅުވީ ކުންފުނީގެ އެތެރޭގެ ތަހުޤީގަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށެވެ. އެގޮތުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު ޢަމަލުކުރަމުންދާ ޢުސޫލުތައް މުރާޖާކޮށް، ހަރުދަނާކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައްކުރާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.