އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވަނީ ތަރައްޤީގެ މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ޚާއްސަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ޖުމުލަ 9 ދާއިރާއަކުން މަޝްރޫޢުތައް ހަވާލުކޮށްފައިވެއެވެ.
• ތަޢުލީމީ ދާއިރާ - 31 މަޝްރޫޢު
• ޞިއްޙީ ދާއިރާ - 30 މަޝްރޫޢު
• ދާޚިލީ ދާއިރާ - 39 މަޝްރޫޢު
• ތިމާވެށީގެ ދާއިރާ - 24
• މަސްވެރިކަމުގެ ދާއިރާ - 2 މަޝްރޫޢު
• ކުޅިވަރުގެ ދާއިރާ - 52 މަޝްރޫޢު
• ގެދޮރުވެރިކަމާއި ބިނާވެށީގެ ދާއިރާ - 13 މަޝްރޫޢު
• ދީނީ ދާއިރާ - 14 ދާއިރާ
• ޒުވާނުންގެ ދާއިރާ - 1 މަޝްރޫޢު
ތަފާތު އަމިއްލަ 53 ކުންފުންޏަކާ މަޝްރޫޢުތައް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތަކާއެކު އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ ދެ ދުވަހު ސޮއިކުރި މަޝްރޫޢުތަކާއެކު 216 މަޝްރޫޢު ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދަކީ ސަރުކާރަކުން އެންމެ ގިނަ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ދުވަސްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިއަދު ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި 13 ރަށެއްގައި 825 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.
އަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހަވާލުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މީގެ ސަބަބުން އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހި، ދިވެހި އެތައް ޢާއިލާއަކަށް ތަނަވަސްކަން ލިބުމުގެ މަގުފަހިވާނެކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.