ޚަބަރު

އައްޑޫ ސިޓީގައި ޔޫތު ތަަރޑް ސްޕޭސްއަކާއި ހިތަދޫގައި އައު ސެންޓްރަލް ޕާކެއް ތަރައްޤީކުރަނީ


  • ޔޫތު ތަަރޑް ސްޕޭސް ތަރައްޤީކުރަން ހަވާލުކުރެއްވީ ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑާ

  • ހިތަދޫ އައު ސެންޓްރަލް ޕާކް ތަރައްޤީކުރާނީ އެޗްޑީސީން

އައްޑޫ ސިޓީގައި ޔޫތު ތަަރޑް ސްޕޭސްއަކާއި ހިތަދޫގައި އައު ސެންޓްރަލް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

އައްޑޫ ސިޓީ ޔޫތު ތަަރޑް ސްޕޭސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެއްވީ ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑާއެވެ. މިއެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އިބްރާހީމް ވަހީދެވެ. ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ ޙުސައިން ޢަބްދުއްރަޙްމާނެވެ.

ހިތަދޫ އައު ސެންޓްރަލް ޕާކް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވި ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިމަސައްކަތްކުރަން ހަވާލުކުރެއްވި، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ރަށުގެ ތަރައްޤީއަށް ކުރުމަށް ރާއްވަވާފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ގެންދަވަނީ ހިއްސާ ކުރައްވަމުންނެވެ.