ޚަބަރު

ޒުވާނުންނަށް މަސައްކަތު ތަޖުރިބާގެ ފުރުޞަތު ފަހިކޮށްދިނުމަށް އެމްޕީއެލްއާއެކު ވެފައިވާ އެއްބަސްވުން އައުކޮށްފި


  • މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓެއް

ޒުވާނުން ބާރުވެރިކޮށް، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އެމްޕީއެލްއާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި ދެމެދު ވެފައިވާ ފަހުމުނާމާ އިތުރު 3 އަހަރަށް އައުކޮށްފިއެވެ.

ފަހުމުނާމާ އައު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ފަހުމުނާމާގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ޝައްމާނެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ލަރނިންގ އެންޑް ޑިވެލޮޕްމަންޓް އޮފިސަރ އައިޝަތު ޝިމްލާއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤުޞަދަކީ، ޒުވާނުންނަށް ޤައުމީ ފެންވަރުގެ ތަޢުލީމް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް އިތުރުކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ކަނޑައެޅިފައިވާ ދާއިރާތަކުގައި ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޒުވާނުންގެ މެދުގައި ޕްރޮމޯޓްކުރުމުގެ އިތުރުން، މި ތަމްރީނު ޕްރޮގްރާމްތަކުގެ ކުރިއެރުމާއި ފެންވަރު މޮނިޓަރކުރުން ހިމެނެއެވެ. އަދި މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓް އެރުވުންވެސް ހިމެނެއެވެ.

އެމްޕީއެލްއިން ވަނީ ޒުވާނުންނާބެހޭ ވުޒާރާއާއި ގުޅިގެން ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 11 ބެޗް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި އެއްބަސްވުން އައުކުރުމަކީ ޒުވާނުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ހޯދައިދީ، ގިނަ ފުރުޞަތުތަކެއް ހުޅުވައިދިނުމަށް ލިބިގެންދާ ފަހި ފުރުޞަތެކެވެ.