ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސެންޓްރަލް ލަންޑަން، ސަރަހައްދުގައި ހާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ފަށައިފިއެވެ.
ވީއެމްސީން މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެންޑް ޓްރޭޑް ފެއާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2025) ފެށުމާއި ދިމާކޮށެވެ.
ދެ މަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ޗާލުކަން ލަންޑަނުގެ އެންމެ ހަލަބޮލި ސަރަހައްދުތަކުން ފެނިގެން ދާނެއެވެ. މި ކެމްޕޭނުގެ ދަށުން ޖުމްލަ 100 ޓެކްސީ އުޅަނދުގައި ރާއްޖޭގެ ނަމާއި، ބްރޭންޑިން އަދި މަންޒަރުތައް ފެންނާނެ ގޮތަށް އިޝްތިހާރު ޖަހާނެކަމަށް ވީއެމްސީން ވިދާޅުވެއެވެ. މި ކެމްޕޭނުގެ ބޭނުމަކީ ޑަބްލިއުޓީއެމް ފެއާއަށް ޒިޔާރަތްކުރާ ލަގްޒަރީ މަންޒިލްތަކަށް ލޯބިކުރާ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން އަދި މީޑިއާތަކުގެ ސަމާލުކަން ރާއްޖެއަށް ލިބޭ މިންވަރު އިތުރުކުރަންކަމަށް ވީއެމްސީން ވިދާޅުވެއެެވެ.
މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަސް ކުންފުންޏެއްގެ އެއްބާރުލުމާއެކުއެވެ. އޭގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ޔުނިވާސަލް ރެސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް އަދި ބެރެނާއީ ކޮއްޓަފަރުގެ އިތުރުން ރިއު އެޓޯލްސް އެންޑް ރިއު ޕެލަސް މޯލްޑިވެސް ހިމެނެއެވެ.
މި ކެމްޕޭން ފަރުމާކޮށްފައި ވަނީ، ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމާއި، ރާއްޖެއަކީ ފަތުރުވެރިކަމުގެ ޕްރިއަމް ޑެސްޓިނޭޝަނެއްގެ ލަގަބު ދެމެހެއްޓުމާއި ރާއްޖޭގައި ފަތުރުވެރިންނަށް ގިނަ ފުރުސތުތަކެއް ހުރިކަން އަންގައިދިނުމަށެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ލަންޑަނަށް ހުއްޓިފައިވާ މިފަދަ ދަނޑިވަޅެއްގައި، ކުރިއަށްގެންދާ މި ކެމްޕޭނުގެ ސަަބަބުން ރާއްޖެއަށް ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ. މިއީ އަޅުގަނޑުމެންގެ ޑެސްޓީނޭޝަނުގެ ވިޒިބިލިޓީ ހިފެހެއްޓުމަށާއި، ފަތުރުވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުކުރުމާއި، ރާއްޖެއަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ފަތުރުވެރިންގެ ތެރޭގައި މަގުބޫލުކަން ހޯދުމަށް މުހިންމު ކެމްޕޭނެކެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ޑަބްލިއުޓީއެމް 2025ގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ އިތުރުން ކުރިއަށް ގެންދާ މި ކެމްޕޭނަކީ، ގިނަ މާކެޓުތަކެއް އެއްތަންވާ މި ދަނޑިވަޅުގައި ރާއްޖެއަށް ލިބޭ ތަރުހީބު އިތުރުކުރުމަށާއި، ރާއްޖެއާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރާއްޖެއަކީ ހިތްގައިމު ތަޖުރިބާތަކެއް ކުރެވޭ މަންޒިލެއްގެ ގޮތުގައި ފާހަގަކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.