ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އެތެރޭގެ ތަޙުޤީޤެއް ފަށައިފިއެވެ.
އާދިއްތަ ދުވަހު މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދާ ދިމާއިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި، އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ އެމްޕީއެލްގެ ލޭބަރާރގެ މަޤާމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މަސޫދު ހޮސެއިންއާއި ލޭބަރާރގެ މަޤާމު އަދާކުރަމުންދިޔަ ޢަލީ އަފްލާޙް އަބްދުاللهއެވެ.
އެމްޕީއެލްއިން ވިދާޅުވީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅޭ އެތެރޭ ތަހުޤީގެއް ފަށާފައިވާކަމަށާއި ތަޙުޤީގުން އެނގޭ މަޢުލޫމާތަށް ރިއާޔަތްކޮށް، އިތުރު މަޢުލޫމާތު އާންމުކުރެވޭނެކަމަށެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 3:44 ގައިކަމަށެވެ. މިހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވެ މީހުން ސަލާމަތްކުރަން މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. ކޮޅުވެއްޓީގައި ތިބީ ޖުމްލަ 14 މީހުން ކަމަށާއި އޭގެތެރެއިން 5 މީހަކަށް ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.