ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރު މައްސަލަ: ހައްޔަރު ކުރި 9 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި


  • މި މައްސަލައިގައި މިހާތަނަށް ޖުމްލަ ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ

ކަސްޓަމުން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލް އިން ގެއްލުނު މައްސަލައިގައި ހައްޔަރު ކުރި އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލައިގައި މިހާތަނަށް ޖުމްލަ ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިމައްސަލާއިގައި އެންމެފަހުން ހައްޔަރުކޮށްފައިވަނީ ހދ. ވައިކަރަދޫ، ނޫރަލީގެ އުމުރުން 42 އަހަރުގެ އަޙްމަދު ޝަހީމް އާއި ސ. ހިތަދޫ، ޗާނދަނީގެ އުމުރުން 35 އަހަރުގެ ޙުސައިން ސާމިޙު އަދި ހ. ރުމޭނިޔާ އުމުރުން 35 އަހަރުގެ އަޙްމަދު ފިރުސާން އެވެ.

އަދި އޭގެ ކުރިން މިމައްސަލައާ ގުޅިގެން ނ. މިލަދޫ، ކެނެރީގެ އުމުރުން 54 އަހަރުގެ އާދަމް ވަޙީދާއި، ކ.ތުލުސްދޫ، ލިންކް އުމުރުން 52 އަހަރުގެ ޙަސަން ޢަބްދުއްރަޙްމާނެވެ.

މިމައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރި އަހްމަދު އާރިފާއި، މުއާޒް އަލީއާއި، ޒިވާރު އިސްމާއިލާއި، އަހްމަދު ފިރުޝާން އަދި އާދަމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ އަމުރު ކޮށްފައެވެ.

މި މައްސަލައަކީ މިއަހަރުގެ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ މައްސަލައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކޮށްފައިވާ އެކި މައްސަލަތަކާ ގުޅިގެން ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލަތަކާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވާފައިވާ މައްސަލައާ ގުޅިގެން ދީފައިވާ އިރުޝާދުގެ ދަށުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމަސްގެ މަޤާމުގައި ތިއްބެވި 2 މީހަކު މަޤާމުން ވަކިކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު ހާމަކުރައްވާފައެވެ.