ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުން "ނޭޝެނަލް ޓޯޗް ރަން"ގައި މިހާތަނަށް 7000އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެއްޖެއެވެ.
"ނޭޝެނަލް ޓޯޗް ރަން" އަކީ 1 ނޮވެމްބަރުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އާއި ގުޅުވައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.
24 ގަޑިއިރަށް ކުރިއަށްގެންދާ ނޭޝަނަލް ޓޯޗް ރަން އިއްޔެ ހަވީރު 4އިން މިއަދު ހަވީރު 4އަކާ ހަމައަށް މާލޭ އެކުވެނި ޓްރެކުގައި ކުރިއަށްދާނެއެވެ.
މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގައި މިހާތަނަށް ޖުމްލަ 7547 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
ނެޝެނަލް ޓޯޗް ރަންއަކީ، ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.
މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.