ޚަބަރު

މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމުގެ 100 މައްސަލަ!


  • ޗައިލްޑް ހެލްޕްލައިނަށް އެކަނިވެސް 1800 ކޯލް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ސެޕްޓެމްބަރުމަހު 213 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށާއި، އޭގެތެރޭގައި ގިނައީ ކުޑަކުދިންނަށްކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތައްކަމަށް އެވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސެޕްޓެމްބަރުމަހު ޗައިލްޑް ހެލްޕްލައިން 1412އަށް ޖުމްލަ 1800 ކޯލު ލިބިފައިވެއެވެ. މީގެތެރޭގައި ގިނައީ ބޮޑެތި މީހުންގެ ފަރާތުން އައިސްފައިވާ ކޯލްތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެވުޒާރާއިން ވިދާޅުވީ، ސެޕްޓެމްބަރުމަހު އެ ވުޒާރާއަށް 213 މައްސަލަ ރިޕޯޓުކޮށްގެން އެޓެންޑްކޮށްފައިވާކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް އަނިޔާކުރުމުގެ 100 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް:

ކުދިންނަށް އިހުމާލުވުމުގެ 32 މައްސަލަ
ޖިންސީ ހާނިއްކައިގެ 23 މައްސަލަ
ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ
ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ
ގަނާ ލިބުމުގެ 4 މައްސަލަ
ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ
ކުދިން ދޫކޮށްލާފައިދިޔުމުގެ 1 މައްސަލަ
ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ ޖުމްލަ 36 މައްސަލައެއް އެ ވުޒާރާއަށް ސެޕްޓެމްބަރުމަހު ހުށަހަޅާފައިވެއެވެ.

މީގެތެރޭގައި ޖިސްމާނީ އަނިޔާ ކުރުމުގެ 14 މައްސަލައަކާއި، ނަފްސާނީ އަނިޔާ ކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 13 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ޖިންސީ ހާނިއްކަ ކުރުމުގެ 4 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 3 މައްސަލަ އަދި މުދަލަށް ގެއްލުންދިނުމުގެ 2 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 32 މައްސަލައަކާއި، ފިރިހެނުންނާގުޅޭ 4 މައްސަލައެކެވެ.

ސެޕްޓެމްބަރުމަހު ޢާއިލީ މައްސަލަތަކާގުޅުންހުރި 42 މައްސަލައެއް އިޖުތިމާޢީ ވުޒާރާއަށް ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 18 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 15 މައްސަލަ، ހަޟާނާގެ7 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 2 މައްސަލައެއް އެވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ޢާޢިލީ މައްސަލަތުގެ ތެރޭގައި ހިމެނެނީ، އަންހެންކުދިންގެ 25 މައްސަލައަކާއި، ފިރިހެން ކުދިންގެ 17 މައްސަލައެކެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫންމަހު އެ ވުޒާރާގެ ހެލްޕްލައިނަށް ޖުމްލަ 2169 ކޯލަށް ވަނީ އެޓެންޑްކޮށްފައެވެ. މީގެތެރޭގައި، ކުޑަކުދިން އަމިއްލައަށް ކޮށްފައިވާ 41 ކޯލަކާއި، ބޮޑެތި މީހުންގެ ފަރާތުން އައިސްފައިވާ 1370 ކޯލެއްގެ އިތުރުން ނަންހާމަނުކުރާ 389 ފަރާތަކުން އައިސްފައިވާ ކޯލު ހިމެނެއެވެ.

ސެޕްޓެމްބަރުމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ އަދަދަކީ، 156އެވެ. އޭގެތެރޭގައި ހިމެނެނީ 85 ފިރިހެން ކުދިންނާއި 71 އަންހެން ކުދިންނެވެ.

މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 04 ކުއްޖަކުވަނީ ޢާއިލާތަކާއި ރީއިންޓެގްރޭޓް ކުރެވިފައިވެއެވެ. އަދި 03 ކުއްޖަކު ފޯސްޓަރ ޢާއިލާތަކާއި ހަވާލުކުރެވިފައިވާއިރު، 13 ކުއްޖަކަށް ވަނީ ވަޒީފާގެ ފުރުޞަތު ހޯދައިދީފައެވެ.