ބަހްރެއިންގައި ކުރިއަށް ތިންވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓްގައި ވާދަކުރުމަކީ ބޮޑު ތަޖުރިބާއެއް ކަމަށާއި، މިފަހަރު މުބާރާތުގެ ތެރެއިންނާއި ފަރިތަކުރުންތަކުގައި ކުޅެން ލިބުނު މެޗުތަކުން ކުރިއެރުންތަކެއް ލިބި، ކުރިއަށް އޮތްތަނުގައި ރަނގަޅު ނަތީޖާތައް ނެރެވޭނެކަމުގެ އުންމީދު ބޮޑުވި ކަމަށް ކުޅުންތެރިން ބުނެފިއެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަށް އެތުލީޓުން ވާދަކޮށްފައިވެއެވެ. އެއީ ފަލާހު އަހުމަދު ފަރޫޒާނާއި އައިމިނަތު ފަރްހާ ފަރޫޒާންގެ އިތުރުން އިބްރާހީމް ނަޝީތު ހަމްދީ، އައިޝަތު ޔޫހާ އަހުމަދު، އައިމިނަތު އަމްނާ އަލީ އާމިރު، އާދިލް މުހައްމަދު ކިޔާން، އަހުމަދު މަމްދޫހު އިޔާން އަދި އަހުމަދު އަޒާން އާދަމް ފައިސަލްއެވެ.
މިފަހަރުގެ އޭޝިއަން ޔޫތު ގޭމްސްއަކީ އެހުރިހާ އެތުލީޓުންނަށްވެސް ބޮޑު ގޭމްސްއެއްގެ ފުރަތަމަ ތަޖުރިބާއެވެ. މިއަދު ބެޑްމިންޓަން ރައުންޑް އޮފް 32 ގެ އިވެންޓްތައް ކުރިއަށް ދިޔަ އިރު، ފަރްހާއާއި ފަލާހު ވަނީ އެބުރުގައި ވާދަކޮށްފައެވެ.
ފަލާހް ފުރަތަމަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށް، މިއަދު ވާދަކުރީ ސްރީ ލަންކާގެ ކެނެތު އަރުގޯޑާ ދެކޮޅަށެވެ. އެ މެޗުގައި ފަލާހު ރަނގަޅު ވާދައެއް ކުރި ނަމަވެސް ލަންކާ ކުޅުންތެރިޔާ މެޗު ގެންދިޔައީ ދެ ސެޓުންނެވެ. ފަރްހާވެސް ވާދަކުރީ ސްރީ ލަންކާގެ އެތުލީޓަކާއެވެ. އެގައުމުގެ ސިތުލާ ރަނަސިންހޭއާ ވާދަކުރ މެޗުގައި ފަރްހާ ވަނީ މޮޅަށް ކުޅެފައެވެ. 21-7 އިން ފުރަތަމަ ސެޓު ލަންކާ ކުޅުންތެރިޔާ ގެންދިޔަ ނަމަވެސް، ދެން ކުޅުނު ސެޓުގައި ފަރްހާ ވަނީ ވަރުގަދަ ކުޅުމަކާއެކު ފަރަގު ކުޑަކޮށްފައެވެ. އެ ސެޓު ލަންކާ ކުޅުންތެރިޔާ ގެންދިޔައީ 21-12 އިންނެވެ.
މިއަދުގެ މެޗުތަކަށްފަހު ފަރްހާއާއި ފަލާހު ބުނީ ގޭމްސްއެއްގެ ތަޖުރިބާ ކުރެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، ރަނގަޅު ކުރަން ބޭނުންވާ ކަންތައްތައް ފާހަގަވެއްޖެ ކަމަށެވެ. އޭގެ އިތުރުން ބަހްރެއިން ކަހަލަ ގައުމެއްގެ ވަރުގަދަ ފެސިލިޓީއެއްގައި މެޗުތަކެއް ކުޅެލަން ލިބުމުން، ގިނަ ކަންތައްތަކެއް ދަސްވި ކަމަށްވެސް އެތުލީޓުން ބުންޏެވެ.