ޚަބަރު

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް %11ގެ ކުރިއެރުމެއް


  • އިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރި ލޯނުގެ އަދަދުވަނީ އިތުރުވެފައި

  • އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށްކޮށްފައިވާ ހޭދަވެސް ވަނީ އިތުރުވެފައި

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް 11 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރގެ އިކޮނޮމިކް ބުލެޓިން ޝާއިޢުކޮށްފައެވެ.

މި ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާއަށް 11.3 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު، ރިއަލް އެސްޓޭޓު ވިޔަފާރީގެ ދާއިރާއަށްވެސް ވަނީ ކުރިއެރުން ލިބިފައެވެ.

އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބިފައިވާއިރު، ރާއްޖެއަށް އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށްކޮށްފައިވާ ހޭދަވެސް ވަނީ 11 އިންސައްތަ އިތުރުވެފައެވެ.

މި ރިޕޯޓްގައިވާ ގޮތުން ކޮމަރޝަލް ބޭންކުތަކުން އިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރި ލޯންގެ އަދަދުވެސް ވަނީ 2 އިންސައްތަ އިތުރުވެފައެވެ. އަދި ލޯން ދިން މިންވަރު ކުރިއަރާފައިވަނީ ގެދޮރު ހެދުމާއި، ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ދޭ ލޯންތައް އިތުރުވުމާއި ރިސޯޓުތައް މަރާމާތުކުރުމަށާއި ކޮމާޝަލް އިމާރާތްތައް އެޅުމަށްދިން ލޯންތައް އިތުރުވުމުގެ ސަބަބުންކަމަށް އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އިމާރާތްކުރުމުގެ ދާއިރާ ކުރިއެރިއިރު، ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިޤުތިޞާދު ވަނީ 2.5 އިންސައްތައަށް ކުރިއަރާފައެވެ. ރާއްޖޭގެ އިޤުތިޞާދު ކުރިއެރީ އިޤުތިޞާދީ މައިގަނޑު ދާއިރާތައް ވެސް ކުރިއެރުމުންނެވެ.

2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 4 ފަހަރު އާއްމުކުރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓަކީ ކުރު މުއްދަތުގައި އިޤްތިޞާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމުގެ މަޤްސަދުގައި ނެރޭ ރިޕޯޓެކެވެ.

އެމްއެމްއޭގެ ރިޕޯޓްގައި އިޤްތިޞާދުގައި ހިމެނޭ މައިގަނޑު ހުރިހާ ސިނާޢަތްތަކަށް އަންނަމުންދާ ކުރިއެރުންތަކުގެ ތަފްސީލާއި، އިޤްތިޞާދާއި ގުޅޭ އެހެނިހެން ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެއެވެ.