ޚަބަރު

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު ޢައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް 4 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނާއި، އަލްއުސްތާޛު ޝިފާޒު ޢަލީއާއި ޢަލީ މުޙައްމަދުމަނިކު އަދި ފާޠިމަތު ޝަރީފެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.

ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.