އައްޑޫސިޓީ، ފޭދޫ، ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ކަންކަން ކުރިއަށްގޮސްފައިވަނީ ޞުލްޙަވެރިކަމާއި އަމާންކަމާއެކުކަމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްއިން ވިދާޅުވެއްޖެއެވެ.
އެޗްއާރްސީއެމްއިން ވިދާޅުވީ އިންސާނީ ޙައްޤުތައް ފޯރުކޮށްދޭ މިންވަރު މޮނިޓަރ ކުރުމަކީ ހިޔުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުން އެ ކޮމިޝަނަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި ވޯޓެއްތޯ ކަށަވަރު ކުރުމަށް ވޯޓުލުމުގެ ކަންކަން ކުރިޔަށްދިޔަގޮތް އެ ކޮމިޝަނުން ބަލާފައި ވާނެކަމަށެވެ.
ވޯޓު ނެގުމުގެ ކަންކަން މައިގަނޑުގޮތެއްގައި ކުރިއަށްގޮސްފައިވަނީ ޞުލްޙަވެރިކަމާއި އަމާންކަމާއި އޮމާންކަމާއެކުގައި ކަމަށާއި އެކަން ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަ ކުރައްވާ ކަަމަށް އެޗްއާރުސީއެމްއިން ވިދާޅުވިއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވެ ދެއްވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރައްވާފައިވާ ދައުރާއ،ި ވޯޓުގައި ބައިވެރިވެ ވޯޓުދިނުމުގެ ޙައްޤު އަދާކުރެއްވި ހުރިހާ ފަރާތްތަކުން ދިމިޤްރާތީ ރޫޙް ކުރިއަރުވައި ދެމެހެއްޓުމަށް ކުރެއްވި މަސައްކަތްތައް ވެސް އެ ކޮމިޝަނުން ފާހަގަ ކުރެއްވިއެވެ.
އެޗްއާރްސީއެމްއިން ވިދާޅުވީ ވޯޓުލުމުގެ އިންތިޒާމުތަކާއި ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ގެންގޮސްފައިވަނީ ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން ކަމަށެވެ. އެހެންނަމަވެސް، ވޯޓުލުން ކުރިޔަށް ދިޔަ ބައެއް މަރުކަޒުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެވޭނޭ އިންތިޒާމް ހަމަޖެހިފައި ނެތްކަމާއި، ބައެއް މަރުކަޒުތަކުގައި އިދާރީ އިންތިޒާމުތައް ރަނގަޅުކުރަންޖެހޭކަމަށް އެޗްއާރްސީއެމްއިން ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާވެސް ވަނީ އިއުލާންކޮށްފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުންގެ އަޤްލަބިއްޔަތު ތާޢީދުކޮށްފައިވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފެއްދުމަށެވެ، ނަމަވެސް ފޭދޫ މީހުންގެ އަޤްލަބިއްޔަތު ތާއީދުކޮށްފައިވަނީ ސިޓީ ކައުންސިލާއެކު ދެމިތިބުމަށެވެ.