އައްޑޫ ސިޓީ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބޭ 9000 މީހުންގެ ތެރެއިން 12 އިންސައްތަ މީހުންނެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއްގެ ދަށުން ނަގާ ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓު ނެގުން މިއަދު ހެނދުނު 8 ޖެހިއިރު ވަނީ ފަށާފައެވެ. މިއީ އައްޑޫ ސިޓީގެ 3 ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމަށް ރައްޔިތުންނަނަށް ފެންނަ ގޮތުގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެލެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހެނދުނު 11 ޖެހުމާ ހަމައަށް 1،189 މީހަކު ވޯޓު ލާފައިވާ ކަމަށެވެ. އެއީ 534 އަންހެނުންނާއި 655 ފިރިހެނުންނެވެ.
ޚިޔާލު ހޯދުމުގެ މި ވޯޓުގައި 9256 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. ވުމާއެކު 11 ޖެހުމާ ހަމައަށް އަދި ވޯޓު ނުލައި 8387 މީހުން އެބަތިއްބެވެ.
އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނަގަނީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ސަރުކާރުގެ ކިބައިގައި އެދިފައިވާތީއެވެ. މިކަމުގައި ޤާނޫނީ ގޮތުން ގެނެވޭނެ ބަދަލަކީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހުގައިކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ މިކަމުގައި ސުވާލެއް ހުށައަޅުއްވާފައެވެ. އެގޮތުން ސިޓީގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓު މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް 2010 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައިވެސް މި ތިން ރަށުގެ ރައްޔިތުން ވޯޓު ދީފައި ވަނީ ސިޓީއެއް ބޭނުންނުވާ ކަމަށެވެ.