ޚަބަރު

ކުރިމަގު ސައްލާ %75 ރަށުގައި ނިންމާލައިފި


  • 47 ރަށުގެ ބައްދަލުވުން އަދި ނުނިމެ

  • ނޮވެމްބަރު ފުރަތަމަ ހަފްތާގައި ބައްދަލުވުންތައް ނިނުމަށް ދަނީ މަސައްކަތްކުރަމުން

ޤައުމީ ތަރައްޤީގެ ފްލޭނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން މީހުން ދިރިއުޅޭ %75 ރަށުގައި ނިންމާލައިފިއެވެ.

މި މައްސައްކަތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްޔިތުންނާ ބައްދަލުކޮށް، މަޝްވަރާއާއި ޚިޔާލު ހޯދުމުގެ "ކުރިމަގު ސައްލާ"ގެ ބައްދަލުވުން ކުރިއަށްގެންދެއެވެ.

16 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބައްދަލުވުންތައް މިހާރު ނިންމާފަވާއިރު، އެއީ 142 ރަށެވެ. މި ބައްދަލުވުންތަކުގައި މި ރަށްތަކުން ޖުމްލަ 6000އަށްވުރެ ގިނަ މީހުންގެ ޚިޔާލާ މަޝްވަރާ ވަނީ ހޯދާފައެވެ.

މި މަސައްކަތުގެ ކޮންސަލްޓަންޓް ނެކްސިއާއިން ބުނީ، ބާކީ 47 ރަށުގެ ކުރިމަގު ސައްލާ ބައްދަލުވުންތައްވެސް ވަރަށް އަވަހަށް ނިންމާނެކަމަށެވެ. އާމާޒަކީ ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެތެރޭގައި އަތޮޅުތަކުގެ ބައްދަލުވުންތައް ނިންމުމެވެ.

ޚިޔާލުހޯދުމުގެ ބައްދަލުވުންތައް ކުރިއަށްގެންދިއުމުގައި 6 ޓީމު ހަރަކާތްތެރިވެއެވެ.

ގްރޭޓާ މާލެ ސަރަޙައްދުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުންތައް ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ފަށާނެއެވެ. އެގޮތުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން އޮންނާނީ ނޮވެމްބަރު 7 އަދި 13 ވަނަ ދުވަހުއެވެ. ހުޅުމާލޭގެ ބައްދަލުވުން 8 އަދި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފަވާއިރު، ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރުން އޮންނާނީ 9ވަނަ ދުވަހުއެވެ.

މިހާރު ވަނީ، ވަކިވަކި ދާއިރާތަކުގެ ފަންނީ މީހުންނަށް ޚާއްސަކޮށް ކުރިއަށްގެންދާ ބައްދަލުވުންތައްވެސް ފަށާފައެވެ. އެގޮތުން، 20 ބައްދަލުވުމެއް ބޭއްވުމަށް ނިންމާފަވާއިރު، 60 މަޢުޟޫއަކަށް އެ ދާއިރާތަކުގެ ތަޖުރިބާކާރުންނާއެކު މަޝްވަރާކުރާނެއެވެ. މީގެ ބައެއް ބައްދަލުވުންތައް މިހާރު ބާއްވާ ނިމިފަވާއިރު، މި ހުރިހާ ބައްދަލުވުންތައް އަންނަ މަހުގެ ފުރަތަމަ ހަފްތާފައި ނިމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ބައްދަލުވުންތަކަށްފަހު، މި ޕްލޭންގެ ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެ މުހިންމު މަސައްކަތް ފަށާނެއެވެ. އެގޮތުން ބައިވެރިން ހުށައެޅި ޚިޔާލުތަކާ މަޝްވަރާއަށް ބިނާކޮށް، ސިޔާސަތުތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. މީގެތެރޭގައި ކުރު މުއްދަތުގައި ޙާސިލްކުރަން ބޭނުންވާ ކަންކަމާއި މެދު އަދި ދިގު ރާސްތާގެ ތަޞައްވުރު ހިމެނެއެވެ.

އެއަށްފަހު ޑިސެމްބަރު މަހު، ހައި ލެވެލް މަހާސިންތާއެއް ބާއްވާނެއެވެ. 200 ބައިވެރިންނާއެކު ކުރިއަށްގެންދަން ނިންމާފަވާ މަހާސިންތާގައި، މި ޕްލޭންގެ ޑްރާފްޓް ހުށައަޅުމާއެކު ޕޮލިސީ އަދި ފަންނީ ލެވަލްއެއްގައި މަޝްވަރާކުރާނެއެވެ.

މި ސިޔާސަތު އަންނަ ޖެނުއަރީމަހު އިފްތިތާޙުކުރުމަށް ހަމަޖެހިފަވާއިރު، އެއަށްފަހު ފައިނަލް ކުރުމުގެ ކުރިންވެސް ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުޞަތު ދޭނެއެވެ. މުޅި ސިޔާސަތު އެކުލަވާލާ ޢަމަލުކުރަން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.

މިއީ 2054ވަނަ އަހަރަށްދާއިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފަވާ ޤައުމަކަށް ހެދުމަށް، އެ އަމާޒުތަކަށް ވާސިލުވުމަށް އެކުލަވާލާ ދުރު ރާސްތާގެ ތަޞައްވުރެކެވެ. އަދި މިއީ ހުރިހާ ރައްޔިތުންގެ ޚިޔާލާއެކު އެކުލަވާލާ ދެމެހެއްޓެނިވި ޕްލޭނަކަށްވާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެވެ.