ޚަބަރު

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: 10 ޖެހުމާހަމައަށް 600 އަށްވުރެ ގިނަ މީހުން ވޯޓުލައިފި


  • ވޯޓުލުން ކުރިއަށްދާނީ 4 ޖެހުމާއި ހަމައަށް

  • ޚިޔާލު ހޯދުމުގެ ވޯޓުގައި ހިމެނެނީ ފޭދޫ، ހުޅުދޫ އަދި މީދޫ

އައްޑޫ ސިޓީ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 9000 މީހުންގެ ތެރެއިން 7 އިންސައްތައެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއްގެ ދަށުން ނަގާ ޚިޔާލުހޯދުމުގެ ފުރަތަމަ ވޯޓު ނެގުން މިއަދު ހެނދުނު 8 ޖެހިއިރު ވަނީ ފަށާފައެވެ. މިޤާނޫނުގެ ދަށުން ފުރަތަމަ ނަގަނީ އައްޑޫ ސިޓީގެ 3 ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމަށް ރައްޔިތުންނަނަށް ފެންނަ ގޮތުގެ ޚިޔާލު ހޯދުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހެނދުނު 10 ޖެހުމާއި ހަމައަށް 695 މީހަކު ވޯޓު ލާފައިވާކަމަށެވެ. އޭގެތެރޭގައި 284 އަންހެނުންނާއި 411 ފިރިހެނުން ހިމެނެއެވެ.

އައްޑޫ ސިޓީގެ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި ނަގާ މި ވޯޓުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 9256 މީހުން ތިބިއިރު، މިހާތަނަށް 695 މީހަކު ވޯޓުލާފައިވާއިރު ހައްގުލިބިފައިވާ 8881 މީހަކު ވޯޓު ނުލާކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ސިޓީއިން ވަކިކޮށްދިނުން އެދި ދަންނަވާފައެވެ. މިކަމުގައި ޤާނޫނީގޮތުން ގެނެވޭނެ ބަދަލަކީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހުގައިކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންވަނީ މިކަމުގައި ސުވާލެއް ހުށައަޅުއްވާފައެވެ. އެގޮތުން ސިޓީގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓު މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް 2010 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައިވެސް މިތިން ރަށުގެ ރައްޔިތުން ވޯޓު ދީފައިވަނީ ސިޓީއެއް ބޭނުން ނުވާކަމަށެވެ.