ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކަޕް 2025 ގައި ކުޅުނު ފުރަތަމަ ދެ މެޗުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ބަލިވެއްޖެއެވެ.
މި މަހުގެ 22 އިން 28 ގެ ނިޔަލަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ބަންގްލަދޭޝްއިން ގެންދިޔައީ 25-21، 25-13 އަދި 25-21 އިންނެވެ.
އަދި ދެވަނަ މެޗުގައި އަފްޣާނިސްތާން އަތުންވެސް ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އަފްޣާނިސްތާނުން ގެންދިޔައީ 25-17، 25-20 އަދި 25-12 އިންނެވެ.
މި މުބާރާތުގައި ހަ ޓީމެއް ވާދަކުރަމުން އަންނައިރު، ލީގު ބުރުގެ ތިންވަނަ މެޗުގައި މިއަދު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރަށްފަހު ފައިނަލަށް ދަތުރުކުރާނީ އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތަކެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ހޯދާ ޓީމުތައް ލޯ މެޑެލް މެޗުގައި ވާދަކުރާއިރު، ފަސްވަނަ އާއި ހަވަނައިގައި ނިންމާ ޓީމުތައް ކުޅޭނީ ރޭންކިން މެޗެކެވެ.