ކަނޑު އުޅަނދު ސަރވޭ ކުރުމުގެ މަސައްކަތް ކުރާ ސަރވެޔަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންގޮސްފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ، ރަށްރަށުގެ ކަނޑު އުޅަނދުފަހަރުތަކުގައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ކަންކަން ހުރިތޯ ބަލައި، ސެޓްފިކެޓު ދިނުމުގެ ކުރިން ބަލަންޖެހޭ އެންމެހާ ކަންކަން ދެނެގަތުމަށް މީހުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިމަހުގެ 19 އިން 23އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 38 ކައުންސިލަކުން ބައިވެރި ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމަށެވެ. އެވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ރަށްރަށުން ކަނޑު އުޅަނދުފަހަރު ސަރވޭކޮށް ސެޓްފިކެޓް ދިނުމަށް ފަސޭހަވެގެން ދާނެކަމަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭނުންކުރާގޮތަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ކޮންމެ އުޅަނދެއްގައިވެސް އެ އުޅަނދެއްގައި ކުރެވޭ ބޭނުމަކާ އެއްގޮތްވާ ގޮތުގެމަތިން އަހަރަކު އެއްފަހަރު ސާރވޭކޮށް ސަލާމަތީ ކަންތައްތައް ފުރިހަމަ ކުރެވިފައި ހުންނަންވާނެއެވެ. އަދ،ި އެކަން އަންގައިދިނުމުގެ ގޮތުން ދޫކޮށްފައިވާ އެންމެހައި ސަލާމަތީ ސެޓްފިކެޓުތަކުގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއެއް އުޅަނދުގައި އޮންނަންވާނެކަމަށް "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވެ.
ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސަރވޭކޮށް ސެޓްފިކެޓް ހަދައިދެވޭނީ އެ ވުޒާރާއިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސަރވޭކުރުމަށާއި ސަލާމަތީ ސެޓްފިކެޓުތައް ހަދައިދިނުމަށް ހުއްދަ ދީފައިވާ ތަންތަނުންނެވެ. އަދި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސާރވޭކުރުމަށް ހުއްދަދެވޭނީ އެ ސަވަޔަރެއްގެ އަތުގައި އެ ވުޒާރާއިން ދޫކޮށްފައިވާ ލިޔުން އޮންނަ ފަރާތްތަކަށެވެ. މީގެ އިތުރުން ހުއްދަ ދީފައިވާ ސަރވެޔަރުންނާއި ސެޓްފިކެޓް ދޫކުރުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަނަކުން ދޫކުރާ ސަލާމަތީ ސެޓްފިކެޓުތަކަކީ ޞައްޙަ ސެޓްފިކެޓްތަކެއް ނޫންކަމަށް ޤަވައިދުގައި ބަޔާންކޮށްފައިވެ.
މި ގަވާއިދުގެ ދަށުން އުޅަނދު ސާރވޭކުރާނީ އުޅަނދު އަލަށް ރަޖިސްޓަރީކުރުމުގެ ކުރިން އުޅަނދަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގައި ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ އުޅަނދެއްކަން ޔަގީންކުރުމަށްޓަކައެވެ.
އެގޮތުން އުޅަނދެއް ފުރަތަމަ ފަހަރަށް ޚިދުމަތަށް ނެރުމުގެ ކުރިން، އުޅަނދުގެ ސެޓްފިކެޓުތަކުގެ މުއްދަތު ހަމަވާތީ މުއްދަތު ހަމަވުމުގެ ކުރިންނާއި، އުޅަނދަށް އިތުރު މައްސަލައެއް ދިމާވެގެން ނުވަތަ އުޅަނދަކަށް އެކްސިޑެންޓެއް ދިމާވެ ނުވަތަ އުޅަނދުގައި ހުރި އިންޖީނާއި އެހެނިހެން މެޝިނަރީތަކާއި އާލާތްތަކަށް ގެއްލުމެއް ލިބި ނުވަތަ އެހެން ސަބަބަކާހުރެ ނަމަވެސް އުޅަނދުގެ ބަޔަކަށް ގެއްލުން ލިބި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ފަދަ ކަމެއް ދިމާނުވާނެކަން ކަށަވަރުކުރަން ސާރވޭކުރަން ޖެހޭނެއެވެ.