ޚަބަރު

އޭޝިއަން ޔޫތު ގޭމްސް: ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމުން ދެއްކި ކުޅުމާމެދު ކޯޗު ފަޙުރުވެރިވޭ


އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ފިރިހެން ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމުން ދެއްކި ކުޅުމާމެދު ފަޙުރުވެރިވާކަމަށް ޓީމުގެ ކޯޗު އަލީ އިޝާމް ބުނެފިއެވެ.

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ފިރިހެން ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމުގެ މެޗުތައް މިއަދު ނިމިގެންދިޔަ އިރު ޓީމުން ވަނީ ރަނގަޅުވާދައެއް ކޮށްފައެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗެއް މިއަދު ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ދިވެހި ޓީމު ބައްދަލުކުރީ އުޒްބަކިސްތާން އާއެވެ. މިމެޗުގައި އުޒްބަކިސްތާން ކުޅުންތެރިންގެ އިސްކޮޅުގެ ބޭނުން ހިފާ ދިވެހި ޓީމުގެ މައްޗަށް ކުރި ހޯދީ 9 - 22 އިންނެވެ.

ދެވަނަ މެޗުގައި ކެމްބޯޑިއާ އާއި ބައްދަލުކުރި އިރު މިމެޗު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށްނެވެ. މިމެޗުގެ ފަހު މިނެޓުގައިވެސް ދިވެހި ޓީމަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔަނަމަވެސް ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ. މިމެޗުގައި ދިވެހި ޓީމުގެ އިޔަލް ނަޝީދު ވަނީ 5 ޕޮއިންޓު އަޅާދީފައެވެ. މީގެއިތުރުން ލަޔާން ޖަމީލް 4 ޕޮއިންޓް ސްކޯކޮށްދިންއިރު އިއާން އާއި ރަފައެލް ވަނީ ކޮންމެ ކުޅުންތެރިއެއް 3 ޕޮއިންޓް ސްކޯކޮށްފައެވެ.

ތުރީ އޮން ތުރީ ބާސްކެޓްބޯޅް ޓީމު ތިން ވަނަ މެޗުގައި ބައްދަލުކުރީ ފަލަސްތީނާއެވެ. މިމެޗުގައި ފަލަސްތީނުން ކާމިޔާބުކުރީ 17 - 19 އިންނެވެ.

މިމެޗުގައި ދިވެހި ޓީމުގެ ކެޕްޓަން ލަޔާން ވަނީ 9 ޕޮއިންޓް ޓީމަށް ހޯދައިދީފައެވެ. މީގެއިތުރުން އިއާން 5 ޕޮއިންޓު އަދި އަލީމް ވަނީ 3 ޕޮއިންޓް ހޯދައިދީފައެވެ.

މެޗުތަކަށްފަހު ކޯޗު އަލީ އިޝާމް ބުނީ މިމެޗުތަކުގައި ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ފަޙްރުވެރިވާ ކަމަށާއި މިމެޗުތަކުން ދިވެހި 3×3 ބާސްކެޓްބޯޅަ ކުރިއަރަމުންދާވަރު އިނގިގެންގޮސްފިކަމަށެވެ.

މިމުބާރާތުގައި 3×3 ބާސްކެޓްބޯޅައިގައި މާދަމާ އޮންނާނީ ދިވެހި އަންހެން ޓީމުގެ 3 މެޗެވެ. އަދި ގްރޫޕް ސްޓޭޖުގައި ފިރިހެން ކުދިން ދެން ކުޅޭނީ މިއަންނަ ހޮނިހިރު ދުވަހުއެވެ.