ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ، އެތަން އާއްމުންނަށް މިހާރު ހުޅުވާލާފައިވާއިރު، ވަރަށް ގިނަ އަދަދެއްގެ ޢާއްމުންދަނީ އެ ސަރަހައްދުގެ ބޭނުން ހިފަމުންނެވެ. ހުޅުމާލޭ ސެންޓްރަލް ޕާރކް ތަރައްޤީކުރަން ނިންމާފައި ވަނީ ހުރިހާ އުމުރެއްގެ މީހުންވެސް ހިންހަމަޖެހިގެން ބޭނުން ކުރެވޭނެ ފަދަ ހިތްގައިމު ތަނެއްގެ ގޮތުގައެވެ. ސެންޓްރަލް ޕާކުގެ ފުރަތަމަ ޒޯންގެ މަސައްކަތަށްފަހު ދެން އެންމެ އަވަހަށް ތަރައްޤީކުރާ އަނެއް ޒޯނަކީ ކަސްރަތުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އައުޓްޑޯ ޖިމަކާއެކު ތަރައްޤީކުރާ ޒޯނެވެ. 
 
އަންނަމަހުގެ ތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާ މި ޒޯންއާއި ގުޅޭ ގޮތުން މަޢުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ މި އޭރިޔާގައި ޒަމާނީ އައުޓްޑޯ ޖިމް ސެޓަޕެއް ހުންނާނެކަމަށާއި، އެތަކެތި ހޯދުމަށް އެކުންފުނިން މިހާރު އޯޑަރުކޮށްފައިވާކަމަށެވެ.
 
 img:http://s4.psmnews.mv/images/660x400/14645108175091.jpg|އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން- ފޮޓޯ: ޕީއެސްއެމް 
 
" ދެން ފޯކަސް ކުރާނީ ރެކްރިއޭޝަނަލް ޒޯނަކަށް، މި ޒޯންގައި އެންމެ ބޮޑު އެއްފީޗަރ އަކަށް ވެގެންދާނީ މިހާރު ވެސް ސެންޓަރަލް ޕާރކް އެންމެ ބޮޑަށް ބޭނުން ކުރާ ކަސްރަތު ކުރާ މީހުން، ތަންކޮޅެއް ރެކްރިއޭޝަނަލް އޭރިޔާއެއްގެ ގޮތުގައި. މި އޭރިޔާ ސެޕްޓެމްބަރ މެދެއްހާ ހިސާބު އެންމެ ލަސްވެގެން ހުޅުވާލެވޭނެކަމަށް ބެލެވެނީ ކަސްރަތު ކުރާ އޭރިޔާ ނޫނިއްޔާ ރެކްރިއޭޝަން ޒޯގެ އައުޓް ޑޯ ޖިމް ސެޓަޕް، މިގެ ތެރޭގައި 18 ޖިމް އައުޓްޑޯ އެކި އެކި އިކްއިޕްމެންޓްސްތަކުގެ ގޮތަށް ބެހެއްޓީގެންދާނެ އަދި ލައިޓިންނާއި އެކި އެކި ޑެކަރޭޝަން ހިމެނޭގޮތަށް ސެޕްޓެމްބަރ މަހުގެ ތެރޭގައި ހުޅުވުމަށް މަސައަކަތް ކުރަމުންދަނީ." ސައިމަން ވިދާޅުވިއެވެ. 
 
 img:http://s4.psmnews.mv/images/660x400/14639330655091.jpg|ހުޅުމާލޭ ސެންޓްރަލް ޕާކް- ފޮޓޯ: ޕީއެސްއެމް 
 
މި ޕާކްގައި ތުއްތުކުދިން ގަޔާވާނެ ފަދަ ގޮތަކަށް ފަރުމާކޮށްގެން ފެންއަރުވާ ވަޑާން ނުވަތަ ފައުންޓެން ޒޯނެއް ތަރައްޤީކުރުމަށްވެސް އެޗް.ޑީސީއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ފައުންޓެން އޭރިޔާގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށި، އަންނަ އަހަރުގެ ކުރީކޮޅު އާއްމުންނަށް ހުޅުވާލެވޭ ވަރުވާނެކަމަށާއި، މިތަން ވެގެންދާނީ މުޅި މާލޭ ސަރަހައްދުގައިވެސް މިފަދަ ގޮތަކަށް ތަރައްޤީކުރެވިގެންދާ އެންމެ ބޮޑު އަދި އެންމެ ހިތްގައިމު ފައުންޓެންއަށްކަމަށްވެސް ސައިމަން ވިދާޅުވިއެވެ.
 
 img:http://s1.psmnews.mv/images/660x400/14639074213967.jpg|ހުޅުމާލެ ސެންޓްރަލް ޕާރކް / ފޮޓޯ: އެޗްޑީސީ  
 
" ފައުންޓެން ޒޯނެއް ހަދަމުންދޭ. އަދި އިސްލާމިކް ސެންޓަރ އެއްވެސް އަންނާނެ، އިސްލާމިކް ސެނޓަރ ކުރިމަތީގައި ނޫނިއްޔާ ސެންޓަރަލް ޕްލާޒާ އޭރިޔާގައި މާލޭގައި އޮންނަ ސައިޒަށް ވުރެއް އެތަށް ގުނަ ބޮޑު ބޮޑު ފައުންޓެން އޭރިޔާއެއް އަޅުގަނޑުމެން ދަނީ ތަރައްޤީ ކުރަމަށް ތައްޔާރުވަމުން. އެ އޭރިޔާގައި މިހާރު ޑީޓައިލް ޑީޒައިން އެމްޑަބްލިއު އެސްސީގެ އެހީތެރިކަމާއެކު ޑީޓެއިލް ޑިޒައިން ނިންމާފައި، ކޮންޓްރެކްޓަރ ހޯދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާ އަމަލީމަސައްކަތް ފަށައި މިއަންނައަހަރުގެ ކުރީކޮޅު ހުޅުވާލެވޭ ވަރުވާނެ" ސައިމަން ވިދާޅުވިއެވެ. 
 
ސެންޓަރަލް ޕާކް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެންމެ ފަހު ޒޯންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2017 ވަނައެވެ. މި ޕާރކުގެ 4 ވަނަ ޒޯން ތަރައްޤީކުރުމަށް ނިންމާފައިވަނީ ލެޑްގާޑަނެއްގެ ގޮތުގައެވެ. މި ލެޑްގާޑެން ހެދިގެން ދިއުމުން މި ޕާރކަށް އިތުރު ރީތިކަމާއި ފުރިހަމަކަން ލިބިގެންދާނެކަމަށް އެޗްޑީސީއިން ބުނެއެވެ.