ޚަބަރު

ފަހަތުން އަރައި ލިވަޕޫލްއަށް މުހިންމު މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ އެންޓްރެކްޓް ފްރެންކްފަޓާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 5-1 ގެ ނަތީޖާއަކުން ލިވަޕޫލްއިން ކާމިޔާބުކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ އިތުރުން ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލް އިން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާއިރު މި ނަތީޖާ އަކީ ކޯޗު އާނޭ ސްލޮޓަށް ލިބިގެންދިޔަ ބޮޑު ހިތްހަމަ ޖެހުމެކެވެ.

ޑަޗް ބޭންކް ޕާކްގައި ފަންސާސް އަށް ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 26 ވަނަ މިނިޓުގައި ފްރެންކްފަޓްގެ މާރިއޯ ގޮޓްޒޭގެ ޕާހަކުން ރަސްމުސް ކްރިސްޓެންސެން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗަށް ނިކުތްއިރު ލިވަޕޫލްގެ ކޯޗު ސްލޮޓް ވަނީ އިނގިރޭސިވިލާތުގެ ރެކޯޑް ފީ އަކަށް މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު އެލެކްޒެންޑަރ އިސާކް ފުރަތަމަ އެގާރައިގައި ހިމަނާފަ އެވެ.

ލިވަޕޫލްއަށް މި މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައިވަނީ މެޗުގެ 35 ވަނަ މިނިޓުގައި ހޫގޯ އެކިޓީކޭ އެވެ. މިއީ އޭނާގެ ކުރީގެ ކްލަބާއި ދެކޮޅަށް އެކިޓީކޭ ޖެހި ފުރަތަމަ ލަނޑެވެ.

އަދި އޭގެ ހަތަރު މިނިޓު ފަހުން ލިވަޕޫލްއަށް ލިބުނު ކޯނަރަކުން ކެޕްޓަން ވާޖިލް ވެން ޑައިކް ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އިބްރާހީމާ ކޮނާޓޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ލިވަޕޫލް އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި ކޯޑީ ގަކްޕޯ ކާމިޔާބުކޮށްދިންއިރު މިއީ މި ސީޒަނުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނިޓަށް ވެފައިވަނިކޮށް ޑޮމިނިކް ސޮބޯޒްލާއީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.