ޚަބަރު

ކްލަބް މޯލްޑިވްސް ކަޕުގެ އެންމެ މަގުބޫލު ޓީމު: އެއްވަނައިން އެމްޓީސީސީ ކަޓުވައެއް ނުލެވުނު


  • އެންމެ މަގުބޫލު ޓީމު ލިސްޓުގެ އެއްވަނައަށް އެމްޓީސީސީއާ ވާދަކުރަނީ ކުލަބު ޓީޓީއެސް

  • އެންމެ މަގުބޫލު ޓީމު ހޮވުމަށް 12 ނޮވެމްބަރާ ހަމައަށް ޕީއެސްއެމް އެއަރއިން ވޯޓުލެވޭނެ

ކްލަބް މޯލްޑިވްސް ކަޕް 2025 ގެ އެންމެ ވާދަވެރިކަން ބޮޑު އެންމެ މަގުބޫލު ޓީމު ލިސްޓުގެ އެއްވަނަ ކުލަބު އެމްޓީސީސީ ދަމަހައްޓައިފިއެވެ.

ފޭން ފޭވަރިޓް ޓީމު އަދި ސަޕޯޓަރސް ލިސްޓުގެ އެއްވަނައިގައި އެމްޓީސީސީ އޮތްއިރު އެންމެ ވަރުގަދަ ސަޕޯޓަރުން ތިބި ބައެއް ޓީމުތައް އޮތީ ވަރަށް ފުލުގައެވެ. މި ދެ ލިސްޓުގެ ތެރެއިން ބެލުންތެރިންގެ މެދުގައި އެންމެ މަގްބޫލު ޓީމަކަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ ކުލަބު އެމްޓީސީސީއަށެވެ. އެޓީމަށް 1،878 ވޯޓު ލިބިފައިވާއިރު ދެވަނައިގައި އޮތީ ކުޑަ ފަރަގުން ކުލަބު ޓީޓީއެސްއެވެ. އެންމެ 26 ވޯޓު މަދުވެގެން ދެވަނައިގައި ކުލަބު ޓީޓީއެސް އޮތްއިރު އެކުލަބަށް 1،852 ވޯޓު ލިބިފައިވެއެވެ.

ބެލުންތެރިންގެ މެދުގައި އެންމެ މަގްބޫލު ޓީމުތަކުގެ ލިސްޓުން 3 ވަނައިގައި އޮތީ މޯލްޑިވިއަންއެވެ. 650 ވޯޓު މޯލްޑިވިއަން ލިބިފައިވާއިރު 4 ވަނައިގައި އޮތީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާ އާރްއާރްސީއެވެ. އެ ކުލަބަށް ލިބިފައިވަނީ 614 ވޯޓެވެ. 5 ވަނައިގައި އެމްޕީއެލް އޮތް އިރު 6 ވަނައިގައި އޮތީ ޔުނައިޓެޑް ބީއެމްއެލްއެވެ. 7 ވަނައިގައި އޮތީ އެސްޓީއޯ ރެކްރިއޭޝަން ކުލަބެވެ.

ގަދަ 10 ޓީމުގެ ތެރޭގައި ހިމެނޭ އަނެއް ޓީމަކީ 8 ވަނައިގައި އޮތް ކުލަބު އެޗްޑީސީއާއި 9 ވަނައިގައި އޮތް ވެމްކޯއާއި 10 ވަނައިގައި އޮތް ސްޓެލްކޯ ރެކްރިއޭޝަން ކުލަބެވެ.

ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލެވިފައެވެ. ޕީއެސްއެމް އެއާ މެދުވެރިކޮށް ބެލުންތެރިންގެ އެންމެ މަގްބޫލު ކުޅުންތެރިޔާއާއި އެންމެ މަގްބޫލު ޓީމު އަދި އެންމެ މަގްބޫލު ސަޕޯޓަރުން ތިބި ޓީމު ހޮވުމުގެ ފުރުސަތުގެ ބޭނުން މިހާތަނަށް އެންމެ ރަނގަޅަށް ހިފާފައި ވަނީ މޯލްޑިވިއަންގެ ހައްފާފް ސިދުގީ ސަޕޯޓަރުންނާއި އެމްޓީސީސީގެ ސަޕޯޓަރުން ކަމަށްވިޔަސް އަދިވެސް މިނަތީޖާ އަނބުރާލުމުގެ ފުރުސަތު ބޮޑެވެ. 12 ނޮވެމްބަރާއި ހަމައަށް ޕީއެސްއެމް އެއާއިން ވޯޓު ލެވޭނެއެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި މިއަހަރު އެންމެ ވަރުގަދަ ދެ ޓީމަކީ އާރްއާރްސީ އާއި އެސްޓީއޯ އެވެ. މި ދެ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރުދުވަހުގެރެއެވެ. މި މެޗު ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތު ގެނެސްދެވޭނެއެވެ.