60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދަނބިދޫގެ ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެރަށަށްވެސް ތަރައްޤީ ގެނައުމަށް މުހިއްމު މަޝްރޫޢުތަކެއް ސަރުކާރުން ކުރިއަށް ގެންދަވާނެކަމަށެވެ. އެގޮތުން އެރަށުގެ ސިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ރަށުގައި އިތުރު ވޯޑަކާއެކު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ 60 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ކުރައްވާނެކަމަށާއި މީގެތެރެއިން އެރަށަށް ބޭނުންވާ އެމްބިއުލާންސްވެސް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ އިސްދޫ ކަލައިދޫ ކޯޒްވޭއާއެކު ދަނބިދޫއަށް އަންނާނެ ތަރައްޤީއަށްވެސް އަލިއަޅުއްވާ ލައްވާފައެވެ.
"މިއާއެކު އަންނާނެ އެންމެބޮޑު ބަދަލަކީ، އިޤްތިޞާދީގޮތުން އަންނާނެ ކުރިއެރުން މިރަށްތަކަށް. ވަރަށް ގިނަ ދުވަސްވެއްޖެ ސޮއިކޮށްފައި އޮންނަތާ. މާދަމާ އަޅުގަނޑުމެން އެމަސައްކަތް ޢަމަލީ ގޮތުން ފަށާނަން" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ ދަނބިދޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަރަށް އަވަހަށް ޖަނެރޭޓަރެއް ގެންނަވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ދަނބިދޫއަށް ކުރިމަތިވެފައިވާ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމާއެކު މަގުހެދުމުގެ މަސައްކަތް އަވަހަށް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މީގެއިތުރުން އެރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ތަރައްޤީކުރުމަށް މިއަހަރުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ސިއްޙީ މަރުކަޒު ތަރައްޤީކުރުމަށް އިތުރުކުރެވޭ ޢިމާރާތް ފެށިފައިވާއިރު، އިތުރު ވޯޑަކާއި އިތުރު ޚިދުމަތް ޤާއިމުކުރެވިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިޖަލްސާގެ ތެރެއިން ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.