ޚަބަރު

ވޯލްޑް ޓޫރިޒަމް އެވޯޑްސް: ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް


  • އެވޯޑު ހަފްލާ ބާއްވާފައިވަނީ ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި

  • މި އެވޯޑަކީ ގޮނޑުދޮށްތަކާއި މޫދާއި ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި ދީފައިވާ އެވޯޑެއް

ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި އެވޯޑް ދިވެހިރާއްޖެއަށް ލިބިފައިވަނީ މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސް ދިނުމަށްޓަކައި ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި ބޭއްވި ހަފުލާއެއްގައެވެ.

މި އެވޯޑަކީ ދިވެހިރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ސާފު ރީތި މޫދާއި ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި ދީފައިވާ އެވޯޑެކެވެ.

ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގގެ އެންމެ ޚާއްޞަ އެއް އިވެންޓުގެ ގޮތުގައި ކުރިއަށްގެންދިޔަ މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސްގައި ދިވެހިރާއްޖެއަށް ލިބުނު މި އެވޯޑާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހަވާލުވެވަޑައިގަތީ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަނެވެ.

މި ހަފުލާގައި ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް، ޑރ. މުޙައްމަދު ވަޙީދު ޙަސަން ވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މި އެވޯޑު ލިބިވަޑައިގަތުމުން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ޝުކުރުއަދާކުރައްވާފައެވެ.

"ރީޑިފައިނިންގ ޓުއަރިޒަމް އިން އަ ޗޭންޖިންގ ވަރލްޑް،" މި ޝިޢާރުގެ ދަށުން މިހާރު ކުރިއަށްގެންދާ، މިއަހަރުގެ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރުން ގުޅިގެން ސިނާޢަތުގެ މުސްތަޤްބަލު ބައްޓަން ކުރުމަށް އީޖާދީ ވިސްނުމާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ބާއްވާ ބައްދަލުކުރެއްވުމެކެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވާދަކޮށްގެން މިއަހަރުގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިފައިވާއިރު، ދިވެހިރާއްޖެއަކީ ކަނޑުފަޅުގެ މާހައުލުގެ ގުދުރަތީ ދިރުންތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.