މިދިޔަ މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކުގެތެރެއިން ގެއްލިގެން ރިޕޯޓުކުރި 109 ސައިކަލު އަނބުރާ ހޯދާފައިވާ ކަމަށާއި، އެ ސައިކަލުތަކުގެ އަގު 6.8 މިލިޔަނަށް އަރާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން މިދިޔަ ސެޕްޓެންބަރުމަހު ގެއްލިގެން ރިޕޯޓުކުރި ތަކެތީގެތެރެއިން ޖުމްލަ 189 އެއްޗެއް ފުލުހުން ހޯދާފައިވެއެވެ. ފުލުހުން ހޯދި ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި ސައިކަލާއި ފައިސާ ހިމެނެއެވެ. އެގޮތުން އެންމެ ގިނައިން ހޯދީ ސައިކަލެވެ. 109 ސައިކަލު ހޯދާފައިވާއިރު، އެސައިކަލުތަކުގެ އަގު 6،878،766 (ހަމިލިޔަން އަށްލައްކަ ހަތްދިހަ އަށްހާސް ހަތްސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާއަށް އަރައެވެ.
މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފާއިތުވި ސެޕްޓެމްބަރު މަހު މާލެ ފްރަންޓްލައިން ޕޮލިސިންގ އިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބު pic.twitter.com/ffvbzmRbNL
— Maldives Police (@PoliceMv) October 19, 2025
• 109 ސައިކަލު: 6،878،766 ރުފިޔާ
• 13 މޯބައިލް ފޯނު: 154،562 ރުފިޔާ
• ފައިސާގެ 20 މައްސަލަ: 588،822.76 ރުފިޔާ
• 8 އިލެކްޓްރޯނިކްސް: 32،300 ރުފިޔާ
• 39 އެހެނިހެން ތަކެތި: 43،115 ރުފިޔާ
މިދިޔަ މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިދިޔަ މަހު ފުލުހުން ވަނީ މާލެ ސަރަހައްދުގެ 27464 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އަދި 1029 ގަޑިއިރާއި 55 މިނެޓު ވަންދެން މާލެ ތެރެ ފައި މަގުގައި ޕެޓްރޯލްކޮށްފައިވެއެވެ.
މީގެ އިތުރުން 5264 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ކުށުގެ ރިކޯޑު އޮތް 4776 މީހުންނާއި ރިކޯޑު ނެތް 488 މީހުންނެވެ. އަދި ބިދޭސީންނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި 1 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. އެގޮތުން މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް އެކި އޮޕަރޭޝަންތައް ކުރިއަށްގެންދިއުމާއި ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް މަދުކުރުމަށް އޮޕަރޭޝަންތައް ކުރިއަށްގެންދިއުން ފާހަގަކޮށްލެވެއެވެ.