އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ސިޓީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން 18 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެވަޓަން އަށް އަށް މެޗުން ލިބިފައިވާ 11 ޕޮއިންޓާއިއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.
ސިޓީން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ އެވަޓަންގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ޖުމްލަ 19 ހަމަލައެއް އުފައްދާފައިވާއިރު އޭގެ ތެރެއިން ހަތް ހަމަލާ ވަނީ ގޯލަށް އަމާޒުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެވަޓަން އަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް ވަނީ އެކަން ކާމިޔާބުވާގޮތް ނުވެފަ އެވެ. އެގޮތުން އިލިއަމް އެންޑިޔާއޭ ފޮނުވާލި ނުރައްކާތެރި ހަމަލައެއް ސިޓީގެ ކީޕަރު ޑޮންނަރޫމާ ވަނީ ބްލޮކޮށްފަ އެވެ.
މި މެޗުގައި ސިޓީން ލީޑު ނަގާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ ފަސް މިނިޓު ފަހުން ސަވީނިއޯގެ އެސިސްޓަކުން ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ހާލަންޑް ޖެހި ދެ ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖަހާފަ އެވެ. ނިމިދިޔަ އިންޓަރނޭޝަނަލް ބްރޭކްގައި ނޯވޭގެ ގައުމީ ޓީމަށް ކުޅުނު ދެ މެޗުގައިވެސް ހާލަންޑް ވަނީ ލަނޑު ޖަހާފަ އެވެ.
މިސީޒަނުގައި ހުރިހާ މުބާރާތެއްގައި މިހާތަނަށް ކުޅުނު 13 މެޗުގައި ހާލަންޑް ވަނީ ޖުމްލަ 23 ލަނޑު ޖަހާފަ އެވެ.