ޚަބަރު

ކާރިސީ ޙާލަތްތަކުގައި ދިވެހިން އެންމެ ބޮޑަށް ބަރޯސާވާ އެއްބަޔަކީ ދަނޑުވެރިން: ވަޒީރު އާދަމް ޝަރީފް


  • "ފެހި ދިރުން އެކްސްޕޯ"ގައި 20 ސްޓޯލް ވަނީ ބަހައްޓާފަ

  • މިއަހަރު ރާއްޖޭގައި ފާހަގަކުރަމުން މިދަނީ ދަނޑުވެރިންގެ 16 ވަނަ އަހަރު

ތާރީޚުން ފެންނަން އޮތްގޮތުގައި ކާރިސާއެއް ދިމާވާ ކޮންމެ ފަހަރެއްގައި ދިވެހިން އެންމެ ބޮޑަށް ބަރޯސާވާ އެއްބަޔަކީ ދަނޑުވެރިންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް "ފެހި ދިރުން އެކްސްޕޯ" ހުޅުވައި ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމަ ފެށިގެން ދިޔައިރު ދުނިޔޭގެ ޤައުމުތަކަށްވެސް އަދި ރާއްޖެއަށްވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ކާބޯތަކެތީގެ ބާވަތްތައް އެކި ހިސާބުތަަކަށް ފޯރުކޮށްދިނުން ކަަމަށެވެ.

ދިވެހިންގެ ނަސީބު ރަަނގަޅުކަމާއެކީގައި ރާއްޖޭގެ ކަނޑުގެ ހަޒާނާގެ ތަނަވަސް ރޯއްޖާއި އަދި ރާއްޖޭގެ އެކި ރަށްތަކުގައި ދަނޑުވެރިންގެ މަސައްކަތުން ގިނަބަޔަކަށް ބަނޑުފުރާ މުއްތިކުރުމުގެ ފުރުޞަތު އެދުވަސްވަރު ފަހިވެގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ކާރިސީ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ދަނޑުވެރިން ކުރާ ބުރަ މަސައްކަތްވެސް ފާހަގަކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

"މި ޤައުމަށް ބަލާލި ކަމުގައި ވީނަމަވެސް ހާލުގަ ޖެހޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް އެންމެ ބޮޑު އިތުބާރެއް އެންމެ ބޮޑު ޔަގީންކަމެއް ހޯދައިދޭ އެއް ފަރާތަކީ ދިވެހި ދަނޑުވެރިން. ދަނޑުވެރިން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަކީ ވަރަށް ބޮޑަށް މުހިންމު ކަމެއްކަމެއް." ވަޒިރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ދުނިޔެ ބަދަލުވާ ފަދައިން ރާއްޖެވެސް މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށެވެ. އެގޮތުން ބިމުގެ ދަތިކަން ވަރަށް ގިނަ އާއިލާތަަކަށް ތަހައްމަލް ކުރަން ޖެހޭކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރާ ފަރާތްތައް ތިބިކަަމަށް ވަޒީރު ވިދާޅުވިއެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބާއްވާ ފެހި ދިރުން އެކްސްޕޯއަކީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރު ފާހަގަކޮށް، މި ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރަކީ "ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމާ" މި ޝިޢާރެވެ.

"ފެހި ދިރުން އެކްސްޕޯ"ގައި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސްޓޯލްތަކާއި ކާބޯތަކެތީގެ ސްޓޯލްތަކާއި ޖަނަވާރުންނަށް ޚާއްސަ ސްޓޯލްތަކެއް ވަނީ ބެހެއްޓިފައެވެ. އެގޮތުން ޖުމްލަ 20 ސްޓޯލް ހުރިއިރު ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ވެސް އެކިކަހަލަ ހަރަކާތްތައް މި އެކްސްޕޯގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރެއްގައި ދަނޑުވެރިންގެ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މިއަހަރު ރާއްޖޭގައި ފާހަގަކުރަމުން މިދަނީ ދަނޑުވެރިންގެ 16 ވަނަ އަހަރެވެ.