ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި، ހަލާކުވެ ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތަކުގެ ތެރެއިން 700 އަށްވުރެ ގިނަ އުޅަނދުގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މި މަސައްކަތްކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައިކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ހުރި ދުވަސްވީ އުޅަނދުތައް ނަގާ، މަގުތަކުގެ ޓްރެފިކް މެނޭޖްކުރުން ފަސޭހަ ކުރުމަށްޓަކައި ފުލުހުން އަންނަނީ އުޅަނދުތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިގޮތުން މިމަހުގެ 14 ވަނަ ދުވަހު، ވަނީ ހުޅުމާލޭގެ މަގުތަމުގައި ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްކޮށްފައެވެ. ފުލުހުން ވިދާޅުވީ، މި މަސައްކަތުގެ ދަށުން، 716 އުޅަނދުގެ މަޢުލޫމާތު ދެނެގަނެވިފައިވާކަމަށެވެ. އޭގެތެރޭގައި ކާރާއި ސައިކަލުތަކުގެ އިތުރުން ޕިކަޕާއި ވޭން ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފިhttps://t.co/K9xqRMxTVN pic.twitter.com/AuSEtLDtXw
— Maldives Police (@PoliceMv) October 16, 2025
މަގުމަތީގައި ހުންނަ ގިނަ ދުވަސްވީ އުޅަނދުތައް ނެގުމަށްފަހު އުޅަނދުތައް ނައްތާލުމުގެ މަސައްކަތް އެކި ދުވަސްވަރު ފުލުހުން އަންނަނީ ކުރަމުންނެވެ. މިގޮތުން ބައެއް އުޅަނދުތައް ހަލާކު ވެރިފަރާތުން އުޅަނދު ނައްތާނުލާ މަގުމައްޗަށް ދޫކޮށްފައި ހުރުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ އާންމުންނަށް އޭގެ އުނދަގުލާކުރިމަތިވެއެވެ.
އެގޮތުން މަގުމަތީގެ ދެފަރާތުގައި އުޅަނދުތައް ޕާކުކޮށް، ގިނަ ދުވަސްވުމުގެ ސަބަބުން، ބޭނުންކުރާ އުޅަނދުތައް ޕާކުކުރާނެ ޖާގަ ނެތުމާއި، ޓްރެފިކަށް އޭގެ އަސަރުކުރެއެވެ. އެހެންކަމުން އެކަމަށް ހައްލު ގެނައުމަށާއި، މަގުމަތީގެ ރީތިކަން ދެމެހެއްޓުމަށްޓަކައި އެކި ހިސާބުތަކަށް ދޫކޮށްލާފައި ހުންނަ މިފަދަ އުޅަނދުތައް ފުލުހުން އަންނަނީ ނަގަމުންނެވެ.