މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލިއިރު އޭގައި 7 މީހުން ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން 4 މީހުން ސަލާމަތްކުރެވިފައިވާ ކަމަށެވެ. އަދި 3 މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މެރިން ޕޮލިސް އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގެއްލުނު ތިން މީހުން ހޯދަން ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން. މިހާތަނަށް މި އުޅަނދުން ދަތުރުކުރި 4 މީހަކުވަނީ ސަލާމަތްކުރެވިފަ.
— Maldives National Defence Force (@MNDF_Official) October 15, 2025
އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ. އެ އުޅަނދުގެ ކައިރީގައި ސިފައިންނާއި މެރިން ފުލުހުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. މެޓް އޮފީހުންވަނީ، ފަތިހު 4:30 އިން ހެނދުނު 8:30 އަށް، ހއ. އިން ލ. އަތޮޅާ ހިސާބަށް ރީނދޫ އެލާޓް ނެރެފައެވެ.