އައިޖީއެމްއެޗްގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަކުލު ހުޅުގެ ސަރޖަރީ ހަދަން ފަށައިފިއެވެ. އެގޮތުން އެ ހޮސްފިޓަލްގައި 4K ކޮލިޓީގެ އާތުރޮސްކޯޕިކް ކެމެރާ ބޭނުންކުރަން ފަށާފައިވާއިރު، މިއީ ކަކުލު ހުޅުގެ ސަރޖަރީތައް ހެދުމުގައި ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއްގެގޮތުގައި ހޮސްޕިޓަލުން ދެކެއެވެ.
ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ކުރިމަތިލާންޖެހޭ އަނިޔާއަކީ ކަކުލު ހުޅަށް ލިބޭ އަނިޔާއެވެ. ޚާއްސަކޮށް ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތަކާއި، ސްޕީޑު ބޯޓުގައި ގިނަ ދަތުރުކުރާ ފަރާތްތަކަށް މިމައްސަލަ ކުރިމަތިވެއެވެ. އެހެންކަމުން، ކަކުލު ހުޅުގެ ސަރޖަރީތައް ކުރުމަށްޓަކައި ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި އަބަދުވެސް ދިގު ކިޔުއެއް އޮވެއެވެ.
އެހެންކަމުން ފަރުވާ އަވަސްކުރުމަށާއި، ސަރޖަރީގެ ރިކަވަރީ އަވަސްކުރުމަށްޓަކައި ހޮސްޕިޓަލުގެ އޯތޯޕީޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެ ޑިޕާޓްމަންޓުންވަނީ ހަތަރު ގުނަ ސާފުކޮށް ފެންނަ، 4K ކޮލިޓީގެ އާތްރޮސްކޯޕިކް ކެމެރާއާއެކު ސަރޖަރީތައް އެހޮސްޕިޓަލުގައި މިހާރު ފަށާފައެވެ.
އައިޖީއެމްއެޗް @igmhmv ގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކުރުމާއި، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިހާރު މިވަނީ އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ (އޯލް އިން ވަން ހަތަރުގުނަ ސާފުކޮށްފެންނަ 4k ) އާރތްރޮސްކޮޕީ ޓަވަރު ބެނުންކުރަން ފެށިފައެވެ.… pic.twitter.com/CY4eJsRSxy
— Haleem (@22halex) October 15, 2025
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗުން ވިދާޅުވީ، ކަކުލު ހުޅުގެ ލިގަމެންޓާއި ކަކުލުގައި ހިމެނޭ މުހިއްމު ފަށަލަތައް އަނިޔާގެ ސަބަބުން ހަލާކުވެ، ސަރޖަރީއަށް އެދި ތިބި ގިނަ ބަޔަކު އެބަތިބިކަމަށެވެ. އެހެންކަމުން އަލަށް ގެނެވުނު މެޝިނާއެކު ކުޑަ ކެމެރާއެއް ކަކުލަށް ލައްވައިގެން އަނިޔާވެފައިވާ މިންވަރު ދެނެގަތުން ނުވަތަ ޑައިގްނޯސްކުރަން ފަސޭހަވެގެންދެއެވެ. އެހެންކަމުން ފަރުވާ ހަރުދަނާކުރެވޭއިރު، މިމެޝިނަކީ ސްޓޭޓް އޮފް ދި އާޓްސް ސިސްޓަމެއްކަމުން، ސަރޖަރީގައި ބޭނުންވާ އެހެން މުހިއްމު މެޝިނަރީޒްއާއި ވަގުތުން ގުޅާލެވެއެވެ. އަދި ސެޓަޕް ހެދުމަށް ފަސޭހަ މެޝިނަކަށްވުމުން، ސަރޖަރީތައަށް ހޭދަވާ ވަގުތު ކުޑަކުރެވޭނެކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
އައިޖީއެމް ހޮސްޕިޓަލަކީ، ޓީޗިން ސްކޫލެއްކަމުން އެހޮސްޕިޓަލުގައި މިފަދަ ޒަމާނީ ވަޞީލަތްތަކާއެކު، ސާފުކޮށް ފެންނަގޮތަށް ސަރޖަރީތައް ކުރެވޭނެ މަގުފަހިވެގެންދިޔުމަކީ، ޑޮކްޓަރުކަން ކިޔަވަމުންދާ ކުދިންނަށްވެސް ލިބޭ އިތުރު ކުރިއެރުމެއްގެގޮތުގައި އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ. މިމެޝިނާއެކު ފަސޭހަކަމާއެކު އެހޮސްޕިޓަލުގައި ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ ހުޅުތަކުގެ ސަރޖަރީތައްވެސް ފަސޭހަކަމާއެކު ކުރެވޭނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ކޮނޑުހުޅުގެ ސާޖަރީތައްވެސް ކުރުމުގެ މަގު އިތުރަށް ފަހިވެގެންދާނެ ކަމަށް އައިޖީއެމްއެޗުން ފާހަގަކުރައްވައެވެ.