ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. މަޖިލީހުން މިގޮތަށް ރުހުންދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ރާއްޖޭން ބަލައިގަނެ، ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 14ވަނަ ދުވަހުއެވެ. މި މުއާހަދާއަކީ ސައިބްރ ކްރައިމް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ހުށަހަޅާފައި ބައިނަލްއަގުވާމީ ފުރަތަމަ މުއާހަދާއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ. ޤަރާރަކުން ފާސްކޮށްފައިވާ މި މުއާހަދާގައި ޤައުމުތަކުން ސޮއިކުރުމުގެ ކަންކަން މި މަހުގެ 25އިން 26 އަށް ވިއެޓްނާމުގައި ކުރިއަށްދާނެއެވެ.
މި މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މި މުއާހަދާގައި ސޮއިކޮށް، އެންމެ އަވަހަށް ތަސްދީގުކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ ސައިބަރކްރައިމާ ގުޅުންހުރި ފަންނީ އެހީ ހޯދުމަށާއި އެ މުއާހަދާއާ ގުޅޭ އުސޫލުތައް އެކުލަވައިލުމުގައި ރާއްޖޭގެ ބައިވެރިވުން ފުޅާކުރެވޭނެކަމެއްކަން ފާހަގަކުރައްވާފައެވެ.
މި މުއާހަދާގައި ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފައެވެ. މިއީ ސީރިއަސް ކުށްތަކަށް އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް އެހީވެދޭ މުއާހަދާއެކެވެ. އެހެންކަމުން، މި މުއާހަދާގެ ދަށުން ޑިޖިޓަލް ދާއިރާގެ ތެރެއިން ސަލާމަތީ ރައްކާތެރިކަން އިތުރުކޮށް، ތަޙުގީގުކުރުމުގެ ހުނަރު އިތުރުވެގެންދާނެ ކަމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.