މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ދިވެހި ވަފްދު، އދ.ގެ މައި މަރުކަޒުގެ ހޯލު ދޫކޮށް ނުކުމެއްޖެއެވެ.
މިދިޔަ އަހަރުވެސް ދިވެހި ވަފުދު ވަނީ، އިސްރާއީލުގެ ބޮޑުވަޒީރު އާއްމު މަޖިލީހުގައި ވާހަކަދައްކަން ފެށުމުން އދގެ މައި މަރުކަޒުގެ ހޯލް ދޫކޮށް ނިކުމެފައެވެ.
އދ.ގެ އަންމު މަޖިލީހުގައި މިއަހަރު ފެނިގެންދަނީ ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ގިނަ ޤައުމުތަކަކުން އަޑުއުފުލަމުންދާ މަންޒަރެވެ. މިގޮތުން ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން، ބައްދަލުވުމުގައި ބައިވެރިވާ ގިނަ ޤައުމުތަކެއްގެ ވަފުދުތަކުން ވަނީ، އދ.ގެ މައިމަރުކަޒުގައި ކުރިއަށްދިޔަ ބައްދަލުވުން ދޫކޮށް ގޮސްފައެވެ.
The Maldivian delegation walked out of the General Assembly Hall in protest, when the Prime Minister of Israel started his address to the General Debate.
— Abdulla Khaleel (@abkhaleel) September 26, 2025
The Maldives will always stand in solidarity with the people of Palestine. #MDVatUNGA80 pic.twitter.com/uHkIL72R8U
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ތަޤުރީރުކުރަން ފެށުމާއެކު އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވަމުންދިޔަ ދިވެހި ޑެލިގޭޝަން އެ ހޯލް ދޫކުރައްވާ ބޭރަށް ވަޑައިގެންފައިވާކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ވަކާލާތުކުރުމުގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސް އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ ހުއްދަދެއްވުމާއި ގުޅޭ ޤަރާރަށް ވޯޓުދީފައެވެ. ރާއްޖެފަދަ އެތައް ޤައުމެއްގެ އެހީތެރިކަމާއެކު ފަލަސްޠީނުގެ ރައީސް މަހުމޫދު ޢައްބާސް ވަނީ މިއަހަރު ވީޑިއޯ މެދުވެރިކޮށް އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ.
ފަލަސްޠީނުގެ ޙައްގުގައި ދިވެހިރާއްޖެއިން ދަނީ ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުގައި އަޑުއުފުލަމުންނެވެ. ފަލަސްޠީނަށް އެހީވުމަށް ދިވެހިން އަތުގުޅާލާފައިވާއިރު، ސަރުކާރުންދަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ބާރުއަޅުއްވާ އެކަމަށް ވަކާލާތުކުރަމުންނެވެ.